ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) ޢަބްދުﷲ ރިޔާޒް އާ ދިމާއަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބާޣީ އޭ ވިދާޅުވި ކަމަށް ބުނެ ނަޝީދުގެ މައްޗަށް ރިޔާޒް ކުރައްވާ އަބުރުގެ ދައުވާގެ ޝަރީއަތް މިއަދުވެސް ކެންސެލް ކުރައްވާފައިވާތީ ނަޝީދު އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފި ކަމަށް އެމްޑީޕީން ބުނެފި އެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ ޢަބްދުﷲ ރިޔާޒް އަކީ މުޖްތަމަޢުގައި އަބުރުވެރި މީހެއް ކަމަށާއި އޭނާއަކީ ބާޣީއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އޭނާގެ އަބުރަށް ގެއްލުމެއް ލިބިފައިވާ ކަމަށް އޭނާ އަށް ސާބިތުކޮށް ދެވެން ނެތީމަ އޭނާ ޝަރިޔަތް ކުރިއަށް ގެންދަން ފަހަށް ޖެހޭ ތަން،" ނަޝީދުގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވި އެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ރިޔާޒްއަކީ ބާޣީއެއްކަން ރައްޔިތުންގެ މަޖިލީސްގެ ސަރުކާރު މަޞްޢޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް އެކި ބޭފުޅުން ދެއްވާފައިވާ ބަޔާންތަކުން ހަމައެކަނި ވެސް ސާބިތުވާ ކަމަށެވެ.
އަދި މީގެ އިތުރުން ވެސް ރިޔާޒް އަކީ ބާޣީއެއްކަން ދައްކުވައިދޭ އެތައް ސާބިތު ހެއްކާއި ޤަރީނާ އެބަ ހުރިކަމާއި ރިޔާޒަކީ ބާޣީއެއްކަން ސިވިލް ކޯޓުގައި މިނިވަން އިންސާފުވެރި ޝަރިޔަތެއް ކުރެވިއްޖެ ނަމަ ފަސޭހަކަމާ އެކު ސާބިތު ވާނޭ ކަމަށް ރައީސް ނަޝީދު ޤަބޫލުފުޅު ކުރައްވާ ކަމަށްް މާރިޔާ ވިދާޅުވި އެެވެ.
އެމްޑީޕީން ބުނީ ރިޔާޒްއަކީ ބާޣީއެއް ކަމަށް ސާބިތުކޮށް ދެއްވުމަށް ނަޝީދު ހުންނެވީ ކެތްމަދުވެފައި ކަމަށެވެ. އެވެ. އަދި ރިޔާޒް އަކީ ބާޣީއެއްކަން ސާބިތުކޮށްދި ނުމަށްޓަކައި މި ޝަރިއްޔަތުގައި ހެކި ބަސްދޭން ތައްޔާރަށް ތިބި އެތައް ސަތޭކަ ބައެއް އެބަތިބި ކަމަށާއި ޝަރިޔަތް ކެންސަލް ކުރަމުންދާތީ އެކަމާ މި މީސްމީހުންނާއި ޢާއްމު ރައްޔިތުންގެ ޝަކުވާ ނަޝީދަށް ލިބިވަޑައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.