Last Updated: May 3, 10:18
Friday, May 3, 2024
ޚަބަރު

އިންސިނިިރޭޓަރު ޕްލާންޓް މަޝްރޫއު އަލުން ބީލަމަށް

އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ދިވެހި ސަރުކާރަށް ލޯނު އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ އިން އައްޑޫ ގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ވޭސްޓް އިންސިނަރޭޓަރު ޕްލާންޓް ސްޕެސިފިކޭޝަނާ އެގޮތަށް ޑިޒައިންކޮށް ސަޕްލައި ކުރުމާއި އަދި އިންސްޓޯލްކޮށް ދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ދިން މުއްދަތު އިތުރުކޮށްފި އެވެ.

މި މަޝްރޫއަށް ކުރިން ދިން މުއްދަތު ވަނީ މި މަހުގެ 9 އަށް ހަމަވެފަ އެވެ. އެހެންވެ އަލުން ހުޅުވާލި ފުރުސަތުގައި ބީލަން ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 27 ގެ ކުރިންނެވެ.

ބީލަމުގައި ބައިވެރިވާން 1،500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ.

ބީލަން ފޮތް ސޮފްޓްކޮޕީ ފޯމެޓްގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.

މި މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 10,000 ޑޮލަރު (154،000ރ) ދައްކަން ޖެހޭ އިރު، މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. މި މަޝްރޫޢުގެ ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ 5 ޕަސަންޓެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 10 ޕަސަންޓް އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ އެވެ.

ބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ ފެބްރުއަރީ، 18، 2018 ގަ އެވެ.