ސްޓީވެން ސްޕީލްބާގްގެ އެންމެ ފަހުގެ ފިލްމް "ދަ ޕޯސްޓް" އާއި އޮސްޓްރޭލިއާގެ ޑްރާމާ ފިލްމް ގްރެގް މެކް ލީންގެ "ޖަންގަލް" ލުބުނާންގައި ދެއްކުން އެ ޤައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.
ލުބުނާންގެ ޖެނެރަލް ސެކިއުރިޓީ އިން މީޑިއާތަކަށް ބުނެފައި ވަނީ ލުބުނާން އާއި ގާތް ގުޅުމެއް އޮންނަ އަރަބް ލީގްގެ ބޮއިކޮޓް އޮފީހުން ވަނީ ސްޕީލްބާގް ބްލެކްލިސްޓްކޮށްފައި ކަމަށެވެ.
އެ އޮފީހުން ސްޕީލްބާގް ބޮއިކޮޓް ކޮށްފައި ވަނީ 2006 ވަނަ އަހަރު ލުބުނާނާއި އިސްރާއީލާ ދެމެދު ކުރެވުނު ހަނގުރާމާގައި އިސްރާއީލަށް އެއް މިލިއަން ޑޮލަރުގެ އެހީއެއް ސްޕީލްބާގް ހަދިޔާ ކުރުމުންނެވެ.
މިހާރު ވެސް ލުބުނާން އާއި އިސްރާއީލްގެ ދެމެދުގައި ވަނީ ހަނގުރާމައިގެ މާހައުލެއް އުފެދިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ލުބުނާނަކީ އަރަބް ޤައުމުތަކުގެ ތެރެއިން އެންމެ މިނިވަން ޤައުމެވެ. ނަމަވެސް އިސްރާއީލަށް ސަޕޯޓް ކުރާ ނުވަތަ މުޖުތަމަޢުގެ ހަމަތަކާއި ޚިލާފު ޒާތުގެ މަންޒަރުތައް ދައްކާ ފިލްމްތައް ދެއްކުން މަނާ ކުރުމަކީ އެ ޤައުމުގައި އާންމު ކަމެކެވެ.
ޤައުމުގެ ބޯޑަރުތައް ކޮންޓްރޯލް ކުރުމުގެ އިތުރުން ލުބުނާންގެ ޖެނެރަލް ސެކިއުރިޓީ އަކީ ފިލްމްތަކާއި ޑްރާމާތައް އަދި ފޮތްތައް ވެސް ސެންސަރު ކުރުމުގެ ބާރު ލިބިފައިވާ މުއައްސަސާއެކެވެ.
"ދަ ޕޯސްޓް" ލުބުނާންގައި ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތީ ޖެނުއަރީ 18 ގައެވެ.