Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު

ގޮނޑީގެ މައްސަލަ ލަސްކުރުމަކީ އިހުމާލެއް: ނަޝީދު

ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ތެރެއިން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނާ މެމްބަރުންނާ ގުޅޭ ގޮތުން ސާފު ބަހެއް ސުޕްރީމް ކޯޓް (އެސްސީ) އިން ބުނަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން ސާފުކޮށް ދޭން ޖެހޭނީ އެތައް ހާސް ރައްޔިތުންގެ ވަކީލުންނާ ގުޅޭ ކަމެއް ކަމަށެވެ.

"މިކަން ލަސްކުރުމަކީ ސުޕްރީމް ކޯޓުގެ އިހުމާލެއް،" ޓްވީޓުގައި ނަޝީދު ވިދާޅުވި އެވެ.

މި މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

އެ މަނިކުފާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަތަކުގެ ޖަވާބު ނުދީ އެ ކޯޓުން ބަހެއް ނުބުނެ، ތިބެގެން ނުވާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ބަހެއް ހޯދަން މެމްބަރުން މަސައްކަތް ކުރެއްވުމަކީ އެ ބޭފުޅުންނަށް ލިބިގެންވާ ހައްގެއް ކަމަށާއި އެކަން ސާފު ކުރައްވަން ޖެހޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ވަނީ ނިންމައިފަ އެވެ.

ނަމަވެސް އެ ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ބުނެ، އެ މެމްބަރުން ގެންދަވަނީ ކޮންމެ ދުވަހަކު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަމުންނެވެ.