ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަން ވެސްޓް އާއި އޭނާގެ ފިރިމީހާ ކަމުގައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް އަށް އަނެއްކާވެސް ކުއްޖަކު ލިބިއްޖެއެވެ.
ސަރޮގެސީ މެދުވެރިކޮށް މި ދެމަރިފިންނަށް ލިބިފައި ވަނީ އަންހެން ކުއްޖެކެވެ. ކިމް ވަނީ އޭނާ އާއި ކާންޔޭގެ ތިންވަނަ ދަރިފުޅު ސަރޮގެސީ މެދުވެރިކޮށް އުފަންވިކަން އޭނާގެ ވެބްސައިޓާއި ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް އިއުލާންކޮށްފަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކިމް އާއި ކާންޔޭ ސަރޮގެސީ މެދުވެރިކޮށް ތިންވަނަ ކުއްޖަކު ހޯދަން އުޅޭކަމުގެ ޚަބަރުތައް ވަނީ މީޑިއާގައި ރިޕޯޓް ކުރެވިފައެވެ.

ރިޕޯޓްތައް ބުނާގޮތުން "ކީޕިން އަޕް ވިތު ދަ ކާޑޭޝިއަންސް"ގެ ތަރި ކިމް ކާޑޭޝިއަން އާއި ކާންޔޭ ވެސްޓްގެ ސަރޮގޭޓް މަންމަ އަކީ އެފްރިކަން-އެމެރިކަން ނަސްލުގެ އަންހެނެކެވެ.
އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ އަކީ ކައިވެނިކޮށްގެން ދެ ފިރިހެން ކުދިން ވެސް ލިބިފައިވާ އަންހެނެކެވެ.
She's here. https://t.co/oVg6se6VeQ
— Kim Kardashian West (@KimKardashian) January 16, 2018
މީގެ އިތުރުން ވެސް ރިޕޯޓް ކުރެވިފައިވާ ގޮތުގައި ކިމް އާއި ކާންޔޭ ވަނީ އެ އަންހެން މީހާ އަށް އެމީހުންގެ ސަރޮގޭޓަކަށް ވުމަށްޓަކައި 45،000 ޑޮލަރު ދީފައެވެ.
މީގެ ކުރިން ކިމް އާއި ކާންޔޭ އަށް ވަނީ އަންހެން ކުއްޖަކާއި (ނޯތު) ފިރިހެން ކުއްޖަކު (ސެއިންޓް) ލިބިފައެވެ. މިފަހަރު ކިމް އާއި ކާންޔޭ ސަރޮގެސީ ޚިޔާރުކޮށްފައި ވަނީ ފުރަތަމަ ދެ ފަހަރު ވެސް މާބަނޑުއިރު ކިމް އަށް ތަފާތު އެކިއެކި ސިއްޙީ މައްސަލަތަކާއި ކުރިމަތިލާން ޖެހުމުންނެވެ.