Last Updated: April 20, 07:18
Saturday, April 20, 2024
ރިޕޯޓް

ދިރާސީ އާ އަހަރުގެ ފެށުން ވަޅި އާއި ކަތިވަޅިން!؟

ދޮޅު މަހަށް ވުރެ ދިގު ޗުއްޓީއަކަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފާއިތުވި އާދީއްތަ ދުވަހު ފެށީ އުއްމީދު ތަކަކާއި އެކުގައެވެ. އެހެން ނަމަވެސް ސްކޫލްތަކުގެ ކިޔެވުން ފެށިފަހުން ފާއިތުވި 4 ދުވަހު ހިނގާފައިވާ ކަންތަކަށް ބަލާއިރު ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

މާލޭގައި ހުންނަ ތާޖުއްދީން ސްކޫލްގެ ތެރޭގައި ދަރިވަރަކަށް ހަމަލާދީ ޒަޚަމްކޮށްލިތާ 1 ދުވަސް ނުވަނީސް މިއަދު އަނެއްކާ ވެސް މާލޭގައި ސްކޫލް ކުއްޖަކަށް ވަޅިން ހަމަލާދީ މިވަނީ ޒަޚަމްކޮށްލާފައެވެ.

ޖެހިޖެހިގެން ދެ ދުވަހު ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް ހިންގާފައިވާ މާރާމާރީތަކާޢި ގުޅިގެން ސްކޫލްތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނަމަވެސް ބެލެނިވެރިންނާއި ޓީޗަރުން އަދި ދަރިވަރުންގެ ހިތްތަކަށް ވެރިވެފައިވާ ބިރުވެރިކަން ފިލައި ދާނެ ހެއްޔެވެ؟

ތާޖުއްދީން ސްކޫލުގެ ދަރިވަރަކާއި އެހެން ފިރިހެނަކު އެ ސްކޫލުގެ ތެރެއަށް ވަދެ، ގްރޭޑް 10 ގައި ކިޔަވަމުންދާ ކުއްޖެއްގެ ބޮލަށް ކަތުރެއް ހަރާލީ އެތައް ދަރިވަރުންނަކާއި ބެލެނިވެރިންގެ ކުރިމަތީގައެވެ. މިއަދު ސްކޫލު ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ދަރުމަވަންތަ ސްކޫލުގެ ދަރިވަރަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލީ ރޯމާ ދުވާލު އެތައް ބައެއްގެ ކުރިމަތީގައެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރިހަމައަށް ފުލުހުންގެ ވަސީލަތް ޤާޢިމްވެފައިވާ ވެރިރަށް މާލޭގެ ސްކޫލްތަކަށް ބިރުވެރިކަން ފެތުރުނު އިރު އަތޮޅު ތެރޭގައި ހުރި ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިން ތިބީ ގޮތް ހުސްވެފައެވެ.

ދިރާސީ އާ އަހަރު ފެށި ސްކޫލްތަކުގެ ކިޔެވުން ފެށުމާއި އެކު މި ފެންނަނީ ދުވަހަކުވެސް ދިވެހިން ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. ދަރިވަރުން ތަރުބިއްޔަތު ކުރުމަށް ފޮނުވާ މަދަރަސާ ތަކުގެ ރައްކާތެރިކަން ގެއްލިއްޖެއެވެ. ބިރުވެރިކަމާއި ނާމާންކަން ސްކޫލް ތެރެއަށް ވަދެއްޖެއެވެ.

މީގެ ކުރިން ގޯޅިގޯޅި ކަންމަތިންނާއި އެކިއެކި މައިޒާންތަކުގައި އުފެދުނު ގްރޫޕްތައް ސްކޫލް ގޯތިން ވަދެ ކްލާސް ރޫމާއި ހިސާބަށް ދަތުރުކޮށްފިއެވެ. ކްލާސްތެރެއިން ކުރިމަތިވާ މައްސަލަތަކުގެ ސަބަބުން ތޫނު އެއްޗެއްސާއި އެކު ސްކޫލް ގޯތިތެރެއަށް ވަދެ މާރާމާރީ ހިންގުން މިވަނީ ފަސޭހަކަމަކަށްވެފައެވެ.

މިއީ މިއަދު ރާއްޖޭގެ މުޖްތަމައުގެ ހާލެވެ. މިކަންކަމަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި މުވައްސަސާ ތަކުން ދުވަނީ އެކަންކަން ހައްލު ކުރުވައި ޖަވާބު ދާރީ ކުރުވުމަށް ރައްޔިތުން ވޯޓު ދިން މަޖްލިސް މެމްބަރުންގެ ފަހަތުންނެވެ.

އެޑިއުކޭޝަން މިނިސްޓަރާއި، ހޯމް މިނިސްޓަރ އަދި ފުލުހުންގެ އިސްވެރިންނާއި ސުވާލުކޮށް އެކަންކަމަށް އެފަރާތްތައް ޖަވާބު ދާރީ ކުރުވޭނެ މަގެއް ނެތެވެ. ހުރިހާ ދިމާލަކުންވެސް ފެންނަނީ އަނދިރިކަމާއި ބިރުވެރިކަމެވެ. ސްކޫލްތަކުގައި މި ފާއިތުވި ދެ ދުވަހު ހިންގި މާރާމާރީއަށް ފަހު ކުރިއަށް ހުރި ދުވަސްތަކާއި މެދު ސުވާލު އުފެދެއެވެ.

މިއީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ހައްލު ނުކުރެވި ދިޔަ މައްސަލަތަކުން ކުރިފަޅައި ބޮޑުވަުންދާ ބިރުވެރި މައްސަލަ ތަކެވެ. މިކަންކަމަށް ދާއިމީ ހައްލެއް ހޯދަން އެބެޖެހެއެވެ. މައިންބަފައިންނާއި ބެލެނިވެރިންނެވެ. ސަރުކާރުގެ އިސްވެރިންނާއި މުވައްސަސާތަކެވެ.