Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

އެކްސިޑެންޓްވުމުން ސައިކަލް ދުއްވި މީހާ ނުފިލާ: އާއިލާ

ފޭދޫގައި އަންގާރަ ދުވަހު ކުޑަ އަންހެން ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހުނު ހާދިސާ އަށް ފަހު، ސައިކަލް ދުއްވި މީހާ ފިލާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ހަބަރު އާއިލާ އިން ދޮގުކޮށް، ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސައިކަލް ދުއްވި މީހާގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު "އައްޑޫ ލައިވް" އަށް މިއަދު ބުނީ ހަތަރު އަހަރުގެ ކުއްޖާގެ ގައިގައި ސައިކަލުން ޖެހުނު ހާދިސާގައި އޭނާގެ ކޮއްކޮ ފިލާފައި ނުވާ ކަމަށެވެ.

"އޭނަ ފިލައިގެނެއް ނޫޅޭ. އޭނަ ވަޒީފާ އަދާ ކުރާ ތަނުގެ ޑިއުޓީ އަށް ވެސް އެ ހާދިސާ ހިނގި ފަހުން ވެސް ނުކުމޭ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވާ އިރު، އެ ހާދިސާއާ ގުޅިގެން އޭނާއާ މިހާތަނަށް ފުލުހުން އެއްވެސް ސުވާލެއް ވެސްކޮށްފައެއް ނެތް،" އާއިލާ އިން ބުންޏެވެ.

އާއިލާ އިން އަދި ބުނީ އެކްސިޑެންޓްވި ކުއްޖާގެ ފައި ޒަހަމްވި ނަމަވެސް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެ ހާދިސާއާ ގުޅިގެން ކުރަން ޖެހޭ ހުރިހާ ހަރަދެއް ސައިކަލް ދުއްވި މީހާ ކުއްޖާގެ އާއިލާ އަށް ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

"މިކަން މިހެން ހިނގާފައި އޮއްވައި ކުއްޖާގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު، ފިލާފައިވާ ކަމަށް ބުނެ ހަބަރު ފެތުރުމަކީ ވަރަށް ޒިންމާދާރުކަން ވެސް ކުޑަ ކަމެއް. އަދި ކުއްޖާގެ އާއިލާ އިން ވެސް ދޮގު މައުލޫމާތު ދިނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް،" އާއިލާ އިން ބުންޏެވެ.