Last Updated: April 23, 14:18
Tuesday, April 23, 2024
ޚަބަރު

ޔޫޓިއުބް ވީޑިއޯތައް ވަޓްސްއެޕްން ބަލާލެވޭނެ ހާއްސަ އަޕްޑޭޓެއް

ވަޓްސްއެޕްގެ އެންމެ ފަހުގެ އަޕްޑޭޓް އިން އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް ވަކިން ޔޫޓިއުބް އެޕްލިކޭޝަން ނުހުޅުވައި، ސީދާ ވަޓްސްއެޕް އެޕްލިކޭޝަން ތެރެއިން ޔޫޓިއުބް ވީޑިއޯތައް ބެލޭނެ ފީޗާ ތަޢާރަފްކޮށްފި އެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ޔޫޓިއުބް ލިންކެއް ވަޓްސްއެޕް އިން ލިބިއްޖެނަމަ، އެ ވީޑިއޯ ބެލުމަށްޓަކައި ވަޓްސްއެޕް ދޫކޮށް ޔޫޓިއުބް އެޕް އަށް ދާން ނުޖެހޭނެ އެވެ. އެ ވީޑިއޯ ވަކިން ހުޅުވޭ ފްލޯޓިން ވިންޑޯއަކުން ޕްލޭ ކުރެވޭނެ އެވެ.

އެނގިފައިވާ ގޮތުގައި މި ފީޗާ އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް ލިބޭނީ އެޕަލް އެޕް ސްޓޯ އިން ވަޓްސްއެޕްގެ 2.18.11 ވާޝަން އަށް އަޕްޑޭޓް ކުރުމުންނެވެ.

ވަޓްސެޕް އިން ޔޫޓިއުބް ވީޑިއޯއެއް ބަލާލުމަށްޓަކައި ޗެޓް ވިންޑޯގައި އެ ވީޑިއޯގެ ޔޫއާރްއެލް (ލިންކް) ފޮނުވާލުމަށްފަހު، ފެންނަ ކުޑަ ބަބުލް އަށް ފިއްތާލާށެވެ.

މީގެ ކުރިން އެ ލިންކަށް ފިއްތާލުމުން ވީޑިއޯ ހުޅުވެނީ ޔޫޓިއުބް އެޕްލިކޭޝަން އިންނެވެ. އެހެންނަމަވެސް މިހާރު ވީޑިއޯ ހުޅުވޭނީ ވަކި ފްލޯޓިން ވިންޑޯއެއްގަ އެވެ.

މީގެ އިތުރުން ވެސް، އެ ވީޑިއޯ ބެލުމުގެ ތެރެއިން ޗެޓް ބަދަލު ކުރުމުންވެސް ވީޑިއޯތައް ނުހުއްޓި ކުރިއަށްދާނެ އެވެ.

މި އަޕްޑޭޓް އަދި އެންޑްރޮއިޑް އާއި ވިންޑޯސް ބޭނުންކުރާ ފަރާތްތަކަށް ލިބޭގޮތް ވަނީ ނުހެދިފައެވެ.

ކޮންމެ މަހަކު ދުނިޔޭގެ 1.2 ބިލިއަން މީހުން ވަޓްސްއެޕް އެޕްލިކޭޝަން ބޭނުންކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.