Last Updated: June 28, 12:01
Sunday, June 28, 2026
ދުނިޔެ

ޖާނުންފިދާވުމުގެ ހަމަލާތަކެއްގައި 10 މަރު

ނައިޖީރިއާގެ އިރުއުތުރުން އޮންނަ މައިޑުގުރި ސިޓީގައި އިއްޔެ ދިން ޖާނުން ފިދާވުމުގެ ހަމަލާތަކެއްގައި 10 މީހުން މަރުވެ އެތައް މީހުންނެއް ޒަޚަމްވެއްޖެ އެވެ.

އިއްޔެ އެ ހަމަލާތައް ދީފައި ވަނީ ބޯނޯގައި ހުންނަ މުނާ ގަރާޖު ސަރަޙައްދުގެ ގެދޮރު ގެއްލިފައި ތިބި މީހުން ބޭނުންކުރާ މާރުކޭޓެއްގަ އެވެ.

ބޯކޯ ހަރަމް އާއި ދެކޮޅަށް ސެކިއުރިޓީ ބަލަހައްޓާ ސިވިލިއަން ޖޮއިންޓް ޓާސްކްފޯސްގެ އިބްރާހިމް ލިމާން އާއި ހަވާލާދީ ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކުރާ ގޮތުގައި ޔަޤީނުން ވެސް 10 މީހުން އެ ހަމަލާގައި މަރުވެފައިވާ ކަމަށެވެ.

ލިމާން ބުނި ގޮތުގައި އެ ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 52 އަށް އަރާފައެވެ. އެނގިފައިވާ ގޮތުގައި މި ހަމަލާތައް ދީފައި ވަނީ ގާތްގަނޑަކަށް އުމުރުން 13 އަހަރުގެ ދެ ކުޑަ އަންހެން ކުދިން ކަމަށެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ގްރޫޕަކުން ނަގާފައި ނުވާއިރު، މީގެ ކުރިން ވެސް ބޯކޯ ހަރަމް ވަނީ އެތައް ފަހަރެއްގެ މަތިން އާންމު ރައްޔިތުންނަށް ހަމަލާދިނުމަށް އަންހެނުންގެ ބޭނުންކޮށްފަ އެވެ.