Last Updated: May 7, 15:03
Tuesday, May 7, 2024
ކޮލަމް

ދައުވާ ކުރަން ޖެހެނީ ގޮޑި މޭޒުގެ މައްޗަށް!

އައްޑޫ ސިޓީ ކައުންސިލުން އުފެއްދި އަވަށު ބޯޑުތަކަށް އިސް ކުރި މީހުންގެ މުސާރަ އަށް ރައްޔިތުންގެ ފައިސާއިން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިން މައްސަލާގައި އެކަން ބަލައިދިނުމަށް އެދި ޕީޖީއަށް ފޮނުވުމުން ވީ ސިޔާސީ ދައުވާ އަކަށެވެ.

ފެބްރުއަރީ 8 ވަނަ ދުވަހު ހަވީރު އައްޑޫ ސިޓީ ކައުންސިލް މެމްބަރުންތަކަކާއި ރައްޔިތުންގެ މަޖިލިސްގެ ހިތަދޫ މެދުދާއިރާގެ މެމްބަރު އިސްވެ ހުރެ ފެށި މުޒާހަރާގައި އައްޑޫގެ ކޯޓުތަކާއި، ފުލުހުންގެ މަރުކަޒުތަކާއި، ފުލުސް ވެހިކަލްތައް އަންދާ އަޅިއަށް ހެދި މައްސަލަވެ ސް ވީ ސިޔާސީ ދައުވާއަކަށެވެ.

ތިމާމެން ހިތަށް އެރި ކޮންމެ ގޮތަކަށް ދައުލަތުގެ މުދަލާއި ފައިސާއަށް އަރައިގަނެގެން އެކަމާއި މިނިވަން މުވައްސަސާތަކުން ތަހްގީގުކޮށް މައްސަލަ ބަލައި ދިނުމަށް އެދި ކޯޓުތަކަށް ހުށަހެޅުމުން އެކަން ސިޔާސީ ވުމަކީ ހެއްވާ ކަމެކެވެ.

އައްޑޫ ސިޓީ ކައުންސިލުން އުފެއްދި އަވަށުބޯޑުގެ މައްސަލާގައި އެންޓި ކަރޮޕްޝަން ކޮމިޝަނުން ހިންގި ތަހްގީގުގައި ފާހަގަ ކުރެވުމުނު މައްސަލާގައި ކައުންސިލުން ބުނެފައިވަނީ ތިމަންނާމެންނަށް ބޯޑުތައް އުފެއްދުމަށް ބާރުދީފައިވާކަމަށެވެ.

ނަމަވެސް އައްޑޫ ސިޓީ ކައުންސިލަށް އަވަށު ބޯޑު އުފައްދައި އެބޯޑުތަކަށް މީހުން އައްޔަންކުރުމުގެ ހައިސިއްޔަތެއް ލިބިގެން ނުވާކަން ނޭގުނީތީ ހިތާމަކުރަމެވެ.

ދެންއޮތީ އެކަމާއި ގުޅިގެން ގަވާއިދެއް ހަދައި އެ ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ފޮނުވިވާހަކައެވެ. ބައެއް ކައުންސިލަރުން ބުނާގޮތުން ކައުންސިލުން ގަވާއިދެއް ހަދައި އެ ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ފޮނުވުމުން އެގަވާއިދަކަށްވީއެވެ. މިހިރީ ހައްތާވެސް މިވެރިން ދައްކާ ކޮސް ވާހަކައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނާގޮތުން އެމީހުން ކުރާ އެއްވެސް ކަމަކަށް އެމީހުން ޒިއްމާވާކަށް ނުޖެހެއެވެ. އެމީހުންގެ ބަހުރުވައިން އެހުރިހާ ކަމަކަށް ޒިއްވާ ވާންޖެހެނީ ކައުންސިލް އިމާރާތާއި އެތަނުގައި ތިބި ގޮޑި މޭޒުފަދަ ތަކެއްޗެވެ.

ފާއިތުވި ދެ އަހަރު ކޮންމެ އަވަށަކަށް ރައީސަކާއި ނައިބެއް ލައިގެން ދެ މިލިއަން ރުފިޔާ އެމީހުންގެ މައްޗަށް ހަރަދުކުރި އިރު އެމީހުންގެ ފަރާތުން ރައްޔިތުންނަށް ފޮރުކޮށްދެވުނު ހިދްމަތެއް ރައްޔިތަކާއި ހިއްސާ ކޮށްލާނެ ހިތްވަރެއްވެސް ތިން އަހަރުގެ ދައުރެއް ފުރިހަމަވެގެންދާއިރު ކައުންސިލްގެ ކިބައިގައި ނެތެވެ.
އަނެއް ކޮޅުން އަވަށު ބޯޑުތަކުގެ ރައީސުންނާއި ނައިބުން ވެސް އެއްބަސްވާފަދައިން އެމީހުން ކުރާކަށް އެއްވެސް ކަމެއް ނޯވެއެވެ. އެ މީހުން އައްޔަން ކޮށްދިން ކައުންސިލަރުން ބުނާ ކަން ކަން ފިޔަވަ އެވެ.

ކޮންމެ ގޮތެއްވިއަސް އައްޑޫ ސިޓީ ކައުންސިލުން އަވަށު ބޯޑުތަކުގެ ރައީސުން ނާއި ނައިބުންނަށް ފައިސާ ދިން މައްސަލާގައި ކައުންސިލްގެ ގޮޑި މޭޒުމައްޗަށް ހުކުމް ނުކުރެވޭނެއެވެ. އެދައުވާއިން ރެކެން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސްއެވެ.

އެކަމަށް ޒިއްމާ ނަގައި ﷲ ގަންދީ ހުވައިކޮށްގެން ތިިބި ބަޔަކަށް މިކަމުން ސަލާމަތްވެގެން ނުދެވޭނެއެވެ. ދެވުނަސް ދެވޭނީ ރައްޔިތުންގެ ހައްގު އަދާކޮށް އެފައިސާ އަބުރާ ރައްޔިތުންނަށް ހޯދާ ދީފަ އެވެ.