އިންޑިއާގެ ހަތަރު ސްޓޭޓަކުން ސަންޖޭ ލީލާ ބަންސާލީގެ ފިލްމް "ޕަދުމާވަތު" ރިލީޒްކުރުން މަނާކުރި ކުރުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.
ސުޕްރީމް ކޯޓްގެ މި ނިންމުމާއި ގުޅިގެން ޖެނުއަރީ 25 ވަނަ ދުވަހު އެ ފިލްމް އިންޑިއާގެ ހުރިހާ ސްޓޭޓެއްގައި އެއްވެސް ޤާނޫނީ ހުރަހެއްނެތި ރިލީޒްކުރެވިގެންދާނެ އެވެ.
"ޕަދުމާވަތު" ރިލީޒްކުރުމުގެ ހުއްދަ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އިން ދިނުމުންވެސް އެ ފިލްމް ދެއްކުން މަނާކުރި ސްޓޭޓްތަކަކީ ގުޖުރާތު، ރާޖަސްތާން، ހަރިޔާނާ އަދި މަދްޔަ ޕްރަދޭޝް އެވެ.
އެހެންނަމަވެސް އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ މިހާރު އެ ސްޓޭޓްތަކުގެ ސަރުކާރުތަކުން ފިލްމް ރިލީޒްކުރުން މަނާކޮށް ނެރުނު އަމުރު ބާތިލްކޮށް، އެފަދަ އަމުރެއް ޤައުމުގެ އެހެން އެއްވެސް ސްޓޭޓަކުން ވެސް ނެރުން މުޅިން މަނާކޮށްފަ އެވެ.
Supreme Court stays notification by Madhya Pradesh, Haryana, Rajasthan and Gujarat, grants green signal to release of the film #Padmaavat. pic.twitter.com/Aqsi4x9meX
— ANI (@ANI) January 18, 2018
ލީޑް ރޯލްތަކުން ދީޕިކާ ޕަދުކޯން އާއި ރަންވީރް ސިންގްގެ އިތުރުން ޝާހިދް ކަޕޫރް ފެނިގެންދާ މި ފިލްމަކީ މުހައްމަދު ޖަޔާސީގެ ޅެން "ޕަދުމާވަތު" އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ތާރީޚުގައި ކަންތައް ހިނގައިދިޔަ ގޮތް އޮޅުވާލައިގެން ފިލްމްގައި ދައްކާފައި ހުރި ކަމަށް ބުނެ އެ ފިލްމާއި ދެކޮޅަށް އިންޑިއާގެ އެކި ކަންކޮޅުތަކުގައި ވަނީ މުޒާހަރާކޮށް ހަމަނުޖެހުން އުފެދިފައެވެ.
ކުރިން ޑިސެމްބަރު 1 ގައި ރިލީޒްކުރަން ހަމަޖައްސާފައި އޮތް މި ފިލްމްގެ ނަން ވަނީ ސީބީއެފްސީގެ ލަފާގެ މަތިން "ޕަދުމާވަތީ" އިން "ޕަދުމާވަތު" އަށް ބަދަލުކޮށްފަ އެވެ.