ކަޒަކަސްތާނުގެ ހުޅަނގު އުތުރުން ދަތުރު ކުރަމުންދިޔަ ބަހެއްގައި އަލިފާން ރޯވެ، 52 މީހުން މަރުވެއްޖެ ކަމަށް އެ ޤައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފިއެވެ.
އެނގިފައިވާ ގޮތުގައި އެ ބަހުން ސަލާމަތްވެފައި ވަނީ އެންމެ ފަސް މީހުންނެވެ. އަދި އެމީހުންނަށް ރެސްކިއު މަސައްކަތް ކުރަމުންދިޔަ މީހުން ވަނީ ވަގުތުން ފަރުވާ ދީފައެވެ.
މި ހާދިސާ ހިނގާފައި ވަނީ އެކްޓޯބް ސަރަޙައްދުގެ އާޖިޒް އަވަށުގައެވެ. އެ ޤައުމުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ބަސް ދަތުރުކުރަމުންދިޔައީ ރަޝިޔާއިން ސަމާރާ-ޝައިމްކެންޓް މަގުންނެވެ.
އެ މަގަކީ އާންމުކޮށް އުޒްބެކް ރައްޔިތުން ރަޝިޔާގެ ކޮންސްޓްރަކްޝަން ސައިޓްތަކަށް މަސައްކަތު ދިއުމަށް ބޭނުންކުރާ މަގެކެވެ.
އޭއެފްޕީ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުން އެ ބަހުން ދަތުރުކޮށްފައި ދިޔައީ 55 ފަސިންޖަރުންނާއި ދެ ޑްރައިވަރުންނެވެ. އޭގެ ތެރެއިން ފަސް ފަސިންޖަރަކަށް ފަރުވާ ދީފައިވާއިރު، އެހެން ހުރިހާ މީހުން ވަނީ އެ ހާދިސާގައި މަރުވެފައެވެ.
އެ ބަހުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދިވެސް ވަނީ ސާފުނުވެފައެވެ. އިމާޖެންސީ އޮފިޝަލުން ވަނީ ކަންބޮޑުވެފައިވާ އާއިލާތަކަށް ގުޅޭނެ ޓެލެފޯން ހޮޓްލައިނެއް ހުޅުވާފައެވެ.
އެ ޤައުމުގެ ޖާނަލިސްޓަކު ވަނީ އަނދާ ހުލިވެފައިވާ ބަހުގެ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމް ޕޭޖަށް ޕޯސްޓްކޮށްފަ އެވެ.