Last Updated: June 28, 12:01
Sunday, June 28, 2026
ޚަބަރު

އަލަނާސިތަކެއްގެ ތެރެއިން 745 ކިލޯގެ ކޮކެއިން

ސްޕެއިން އާއި ޕޯޗުގަލްގެ ފުލުހުން އެކުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 745 ކިލޯގްރާމްގެ ކޮކެއިން އަތުލައިގަނެފިއެވެ.
އޭގެ ތެރެއިން ގިނަ މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކޮށްފައި ވަނީ ލެޓިން އެމެރިކާ އިން ގެނައި އަލަނާސިތަކެއް ތެރެއަށް އަޅައިގެންނެވެ.

އެނގިފައިވާ ގޮތުގައި މި މަސްތުވާތަކެތި ހޯދާފައި ވަނީ އެތައް މަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަ ތަހުޤީގެއްގެ ނަތީޖާއެއްގެ ގޮތުން ކަމަށާއި، މި މައްސަލާގައި ނުވަ މީހަކު ހައްޔަރުކޮށް ކޮލޮމްބިއާގެ ބަޔަކު ހިންގަމުން އައި ބައިނަލްއަޤްވާމީ ސްމަގްލިން ރިންގެއް ވެސް ފަޅާއަރާފައިވާ ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހުވެސް ސްޕެއިންގެ ފުލުހުން ވަނީ މެޑްރިޑް އާއި ބާސެލޯނާ އިން 400 ކިލޯގްރާމްގެ ކޮކެއިން އަތުލައިގަނެފަ އެވެ. އެ މައްސަލައިގައި ޕަނަމާ އިން ޕޯޗުގަލް އަށް މޭވާ އެތެރެ ކުރާ ކުންފުންޏަކާއި ލިޒްބަންގެ ހާބަރުގައި ހުރި ބޯޓުތަކެއް ބަލައިފާސްކުރެވުނެވެ.

އެ ކުންފުންޏާއި ބޯޓުތައް ބަލައިފާސްކުރިއިރު ވަނީ އަލަނާސިތައް ތެރެއިން 300 ކިލޯގްރާމަށްވުރެ ގިނަ ކޮކެއިން ފެނިފައެވެ. އަދި މީގެ އިތުރުން 400،000 ޔޫރޯ (489،000 ޑޮލަރު) ވެސް ވަނީ ފެނިފައެވެ.