Last Updated: April 29, 14:29
Monday, April 29, 2024
ޚަބަރު

ހުޅުމީދު އަށް ޕޯސްޓް އެޖެންޓެއް ހޯދަނީ

ހުޅުމީދޫގައި ޕޯސްޓްގެ ހިދުމަތް ފޯރުކޮށް ދޭނެ ޕޯސްޓް އެޖެންޓެއް ހޯދަން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ބުނީ އެޖެންޓަކަށް ވާން ޝައުގުވެރިވާ ފަރާތްތަކަށް، ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ޕޯސްޓް އޮފީހާ ގުޅިގެން އެޖެންޓް ޕޯސްޓްގެ ހިދުމަތް ދޭން ކައުންސިލަށާއި ވިޔަފާރި ކުރާ ފަރާތްތަކާއި ކުލަބް ޖަމިއްޔާ އަދި ކުންފުނިތަކަށް ވެސް ކުރިމަތިލެވިދާނެ ކަމަށް ޕޯސްޓުން ބުންޏެވެ. އިތުރު މައުލޫމާތު 7772916 އިން ލިބޭނެ އެވެ.

ޕޯސްޓް އެޖެންޓަކަށް ހަމަޖައްސާ ފަރާތަކަށް މަހު މުސާރައެއްގެ ގޮތުގައި ދޭން ހަމަޖެހިފައި ވަނީ 1،000ރ. އެވެ. އަދި އިތުރު ހިދުމަތުގެ ކޮމިޝަން ލިބޭނެ ކަމަށް ޕޯސްޓް އޮފީހުން ބުންޏެވެ.

ހުޅުމީދު އަށް ޕޯސްޓް އެޖެންޓެއް މި ހޯދަނީ ކުރިން އެ އަވަށަށް ހާއްސަ ޕޯސްޓްމޭން މިދިޔަ އަހަރުގެ ތެރޭގައި މަގާމުން ވަކިވުމާ ގުޅިގެންނެވެ. އޭގެ ފަހުން ހުޅުމީދު އަށް ޕޯސްޓްގެ ހިދުމަތް ފޯރުކޮށް ދެމުން އަންނަނީ ފޭދޫގައި ހުންނަ ޕޯސްޓް އޮފީހުގެ ޕޯސްޓްމޭން އެ އަވަށަށް ފެރީގައި ފޮނުވައިގެންނެވެ.

ހުޅުމީދު އަށް ޕޯސްޓް އެޖެންޓެއް ހަމަޖައްސަން ނިންމި އިރު، ކުރިން ހިތަދޫގައި ހިންގި ޕޯސްޓް އޮފީސް ބަންދުކޮށް އެ އަވަށުގައި ވެސް ވަނީ އެޖެންޓެއް ޕޯސްޓެއް ބަހައްޓައިފަ އެވެ.