Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

އަވަށު ބޯޑް މައްސަލަ އަށް ޖަވާބުދާރީވާން ތިން ދުވަސް!

ހިތަދޫ އަވަށު ބޯޑުގެ ރައީސް އަދި ނައިބް ރައީސް.

އައްޑޫ ސިޓީ ކައުންސިލުން އުފައްދާފައިވާ އަވަށު ބޯޑުތަކަކީ ގާނޫނާއި ހިލާފަށް އުފައްދާފައިވާ ބޯޑުތަކެއްކަމަށް އޭސީސީން ނިންމުމާއި ގުޅިގެން އަވަށު ބޯޑުތައް އުވައިދިނުމަށް އެދި ހިތަދޫ، ނޫރުވާދީ އިބްރާހިމް ރަޝީދު ވަޖުދީ ކައުންސިލާއި ދެކޮޅަށް ހުށަހެޅި ދައުވާއަށް ޖަވާބު ދާރީ ވުމަށް 3 ދުވަހުގެ މުހުލަތެއް ދީ މިއަދު ބޭއްވި ޝަރީއަތް މަޖްލިސް ނިންމާލައިފިއެވެ.

14 ނޮވެމްބަރ 2012 ވަނަ ދުވަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ކައުންސިލުން ހާޒިރު ނުވެގެން ބޭއްވި ދެވަނަ އަޑުއެހުމުގައި އިބްރާހިމް ރަޝީދުގެ ފަރާތުުން އޭނާގެ ވަކީލް އިބްރާހިމް ނަޖީބް ދައުވާ ހުށަހެޅުމުން ކައުންސިލުގެ ފަރާތުން ލީގަލް އޮފިސަރު ހެސެއިން ހަބީބް ވަނީ އެދައުވާއަށް ލިއުމަކުން ޖަވާބު ދިނުމަށް 5 ދުވަސް ދިނުމަށް ގާޒީ އަރިހުން އެދިފައެވެ.

މައްސަލަ ބެއްލެވި ގާޒީ ފާރޫޤު ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހަޅާފައިވާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، 5 ދުވަހުގެ މުއްދަތަކީ ލިއުމުން ޖަވާބު ދާރީ ވުމަށް ކައުންސިލަށް މާގިނަ ދުވަސްތަކެއް ކަމަށެވެ. އެހެންވެ ޖަވާބު ދާރީ ވުމަށް 3 ދުވަހުގެ މުއްދަތެއް ދެވިދާނެކަމަށެވެ.

މައްސަލަ ހުށަހެޅި އިބްރާހިމް ރަޝީދު ވިދާޅުވީ ގާޒީ 3 ދުވަހުގެ މުއްދަތެއް ދީ އަދުން ފެށިގެން 3 ވަނަ ދުވަހު އަލުން ޝަރީއަތުގެ މަޖިލިސް ބެއްވުމަށް ނިންމައި މިއަދުގެ ޝަރީއަތް ނިންމީކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން އުފެއްދި އަވަށު ބޯޑުތަކުގެ ރައީސުންނާއި ނައިބް ރައީސުންގެ މުސާރައަށް ފާއިތުވި ދެއަހަރު ވަނީ ދެމިލިއަނެއްހާ ރުފިޔާ ކައުންސިލުން ހަރަދުކޮށްފައެވެ.