ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ހިންގަމުން އަންނަ ފަން އައިލެންޑް ރިސޯޓަށް ފުލުހުންނާއި ކަސްޓަމްސްއިން އަރައި ފާސް ކުރަމުން އެބަގެންދެއެވެ.
ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ ފުލުހުނާއި ކަސްޓަމްސްއިން ފަން އައިލެންޑް ރިސޯޓަށް އަރައި ފާސް ކުރަމުން އަންނަ ކަމަށެވެ. އަދި ރިސޯޓްގައި ހުރި ބަނގުރާ ގުދަނުގައި ހުރި ސާމާން ގެންދިއުމަށް މަސައްކަތް ކުރިކަމަށެވެ. ނަމަވެސް ކޯޓު އަމުރުގައި އެތަކެތި ގެންދިއުމަށް އަމުރުކޮށްފައި ނެތްކަމަށް ގައިސަރު ވިދާޅުވިއެވެ.

ފުލުހުންނާއި ކަސްޓަމްސްއިން ފަން އައިލެންޑް ރިސޯޓުގައި ހަރަކާތްތެރިވަމުން އަންނަ އިރު އެރަށުގެ ފަޅުގައި އޮތް ފުލުހުންގެ ލޯންޗެއްގައި އެސްއޯ ފުލުހުން ތިބިކަމަށް މައުލޫމާތު ލިބެއެވެ.
ގާސިމްގެ ރިސޯޓްތަކަށް ކަސްޓަމްސްއާއި ފުލުހުން އަރައި ފާސް ކުރަމުން އަންނަ އިރު އެކަން ކުށްވެރިކޮށް އެތައް ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. ހާއްސަކޮށް މާމިގިލީ ރައްޔިތުން ދަނީ ގާސިމްއަށް ފުރައްސާރަ ކުރުން ހުއްޓާލުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ.