ކޯޓު އަމުރެއް ނެތި ފަން އައިލެންޑް ރިސޯޓުގައި ހުރި ބަނގުރާ ގެންދާނަމަ އެއީ މުދާ ފޭރުން ކަމަށް ވިލާ ގްރޫޕްގެ ގާނޫނީ ވަކީލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ބަލައި ފާސް ކުރުމުގެ އަމުރަކާއި އެކު ފުލުހުންނާއި ކަސްޓަމްސްއިން ފަން އައިލެންޑް ރިސޯޓަށް އަރައި އެތަނުގެ ރާ ގުދަން ބެލުމަށް ފަހު އެތަނުން ބަނގުރާ ގެންދިއުމަށް ވަނީ މަސައްކަތްކޮށްފައެވެ.
ޝަމީމް ވިދާޅުވީ މުދާ ހިފެހެއްޓުމުގެ އަމުރެއް ނެތި، ރިސޯޓުން އެއްވެސް މުދަލެއް ގެންދާނަމަ އެއީ ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވާ ކުށެއް ކަމަށްވާ ފޭރުމުގެ ކުށަށް ވާނެ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ފަން އައިލެންޑް ރިސޯޓްގެ ރާ ގުދަނުގައި ހުރި ރާ ގެންދިއުމަށް ގާނޫނާއި ހިލާފަށް އެއްވެސް އެއްބާރުލުމެއް ނުދޭނެކަމަށް ރިސޯޓުން ވަނީ ބުނެފައެވެ.
ފަން އައިލެންޑް ރިސޯޓަށް ފުލުހުންނާއި ކަސްޓަމްސްއިން އެރުމާއި ގުޅިގެން ރިސޯޓްގެ މުވައްޒަފުން ދަނީ އިހްތިޖާޖު ކުރަމުްނނެވެ. ފުލުހުން ބުނީ ރިސޯޓުގައި ފުލުހުން ހަރަކާތްތެރިވަނީ އޮޕަރޭޝަންގެ ސެކިއުރިޓީއަށް ކަމަށެވެ.
ގާސިމްގެ މުދާ ފޭރެނީ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑު ކިޔަމުން އަންނަ އިރު ގާސިމްގެ އަމިއްލަ ރަށް ކަމަށްވާ މާމިގިލީ ރައްޔިތުން ދަނީ އިހްތިޖާޖު ކުރަމުންނެވެ.