Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ފަން އައިލެންޑްގައި ހުރި ރާ ކަސްޓަމްގެ ދަށަށް ގެންގޮސްފި

* ރިސޯޓްގެ ރާ ގުދަނުގައި ހުރި ރާ ރަށުން ބޭލުމުގެ މަސައްކަތް ކަސްޓަމްސްއިން ކުރަނީ
* ގެންދަނީ 2017 މާޗް މަހުން ފެށިގެން އެރަށަށް އެތެރެކޮށްފައިވާ ރާ
* ރިސޯޓު މުވައްޒަފުން އިހްތިޖާޖު ކުރަނީ

ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ހިންގާ ފަން އައިލެންޑް ރިސޯޓްގެ ރާ ގުދަނުގައި ހުރި ރާ ކަސްޓަމްސް އިން ގެންގޮސްފިއެވެ.

ބަލައި ފާސް ކުރުމުގެ އަމުރަކާއި އެކު އެރަށައް އެރި ކަސްޓަމްސް އޮފިސަރުން ވަނީ އެރަށުގެ ރާ ގުދަން ބަލައި ފާސްކޮށްފައެވެ. އަދި ރަށުން ބައެއް ސާމާން ގެންދަން އުޅުމުން އެމައްސަލަ ވިލާގެ ފަރާތުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.

ފަން އައިލެންޑްގެ މެނޭޖަރ އިސްމާއިލް ނަސީރު ވިދާޅުވީ 2017 މާޗްއިން ފެށިގެން އެރަށް ގެނެސްފައިވާ ރާ ސޮޓޮކް ކަސްޓަމްސްއިން ރިސޯޓުން ބާލަން ފަށާފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ފަން އައިލެންޑްގައި ކުރިއަށް ގެންދިޔަ ބަލައި ފާސްކުރުމުގެ އޮޕަރޭޝަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ގޮތުން އެސްއޯ ފުލުހުން ވަނީ އެރަށައް އަރާފައެވެ.

ވިލާ ގްރޫޕްގެ ވަކީލް ހުސެއިން ޝަމީން ވިދާޅުވީ މުދާ ހިފެހެއްޓުމުގެ އަމުރެއް ނެތި، ރިސޯޓުން އެއްވެސް މުދަލެއް ގެންދާނަމަ އެއީ ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވާ ކުށެއް ކަމަށްވާ ފޭރުމުގެ ކުށަށް ވާނެ ކަމަށެވެ.