Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު

ޖަލުގައި ގައިދީން މަރުވަނީކީ ނޫން، މަރަނީ: މަހްލޫފް

މާފުށީ ޖަލުގައި ތިބޭ ގައުދީން ވާނުވާއެއް ނޭނގި ކުއްލިއަކަށް މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ތުހުމަތުކުރައްވައިފި އެވެ.

މާފުށީގައި ޖަލުގައި ގައިދީއަކުން ހިތް ހުއްޓިގެން މަރުވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވާތީ އެކަމަށް އިޝާރާތްކޮށް، މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ގައިދީންނަށް އެކަށީގެންވާ ފަރުވާ ނުދީ މަރާލަނީ" ކަމަށެވެ.

އޭނާ ވިދާޅުވީ ޖަލުގައި ތިބޭ ގައިދީންގެ ތެރެއިން އަހަރެއްގެ ތެރޭގައި 10 ގައިދީއަކު މަރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ.

"ޕްރިޒަން ކޮމިޝަނަރު ޝިޔާން އަދި ޑީއޯޕީ ސަލްމާން [މިކަމުގެ] ފުރިހަމަ ޒިންމާ ނަގަން ޖެހޭ. އަޅުގަނޑު ޖަލުގައި އޮތް އިރު މި ޝަކުވާ ކުރެވުނު އަދަދެއް ނޭނގޭ،" މަހްލޫފް ވިދާޅުވި އެވެ.

އިއްޔެ ހިތް ހުއްޓިގެން މަރުވި ހ. ރެދަން އަހުމަދު އިރުޝާދު، 33، އަކީ ޖަލުގައި މި އަހަރު މަރުވި ފުރަތަމަ ގައިދީ އެވެ.