ތަފާތު ބަހަނާތަކެއް ދައްކައިގެން ގާސިމް އިބްރާޙިމްގެ ރިސޯޓުތަކަށް ދައުލަތުގެ މުއައްސަސާތަކުން އަރައި، ބަލާ ފާސްކުރަނީ ގާސިމަށް ފިއްތުންތައް ކުރުމަށް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގާސިމްގެ ރިސޯޓުތަކަށް އަރައި ފާސްކުރުން ކުށްވެރިކޮށް ނަޝީދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ބަހަނާތަކެއް ދެއްކުމަށް ފަހު ރިސޯޓުތަކަށް އެރުމުގެ މައިގަނޑު މަގުސަދަކީ ގާސިމަށް "ޕްރެޝަރުކުރުން" ކަމަށެވެ.
އަދި އެފަދަ އަމަލުތަކަކީ އޭގެ ނޭދެވޭ އަސަރުތައް ގާސިމްގެ ރިސޯޓުތަކަށް އެކަނި ކުރާނެ ކަންތައް ނޫން ކަމަށާއި އެއީ ރާއްޖޭގެ މުޅި ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާނެ އަސަރުތައް ކަމަށް ނަޝީދު ވަނީ ކުރިންވެސް ވިދާޅުވެފައެވެ.
ވިލާ ކުންފުނީގެ ވަކީލުން ވަނީ ފުލުހުން ރިސޯޓުތަކަށް އަރައި، މުދާ އަތުލައިފިނަމަ އެއީ ސީދާ ގާނޫނާއި ޚިލާފަށް ކުރެވޭނެ ކަމެއް ކަމަށް ބުނެފައެވެ. އަދި ވިލާއަކީ ބަނގުރަލާއި އޫރުމަސް އެތެރެކޮށް، ވިއްކުމުގެ ހުއްދަ ހޯދައިގެން އެވިޔަފާރި ކުރާ ކުންފުންޏެއް ކަމަށް ވަކީލުން ބުނެފައިވެއެވެ.
ގާސިމްގެ ރިސޯޓުތައް ބަލާ ފާސްކުރުމަށް ފުލުހުންގެ އެހީގައި ކަސްޓަމުގެ އޮފިސަރުން އަރައި، ރިސޯޓުތައް ހިންގުމަށް ދަތިކުރުން ކުށްވެރިކޮށް، އިދިކޮޅު ފަރާތްތަކުން ވަނީ އިއްޔެ ޖުމުހޫރީ މައިދާނުގައި މުޒާހަރާވެސް ކޮށްފައެވެ.