Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

އޮޕަރޭޝަން ހިނގާނީ ގާނޫނާ އެއްގޮތަށް: ކަސްޓަމްސް

ޖޭޕީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމްގެ ރޯޔަލް އައިލެންޑު ރިސޯޓުގެ ނަމުގައި ދޫކުރި ބަނގުރަލުގެ ތެރެއިން ގާސިމްގެ ފަން އައިލެންޑު ރިސޯޓަށް ގަވާއިދާއި ޚިލާފަށް ގެންދިޔަ ކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިންގަމުންދާ އޮޕަރޭޝަނަކީ ގާނޫނީ އިމުގެ ތެރެއިން ހިނގަމުންދާ އޮޕަރޭޝަނެއް ކަމަށް ކަސްޓަމުން ހާމަކޮށްފިއެވެ.

ކަސްޓަމްސް އިން ބުނެފައިވަނީ ރިސޯޓު ބަލާ ފާސްކޮށް، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ތަކެތި ގެންދިއުމަށް ގާނޫނީ ގޮތުން އެއިދާރާއަށް ބާރު ލިބިފައިވާ ކަމަށެވެ.

ކަސްޓަމްސްއިން އިތުރަށް ބުނެފައިވަނީ ފާސްކުރަމުންދަނީ މީރާއަށް ދައްކަން ޖެހޭ ފައިސާތަކެއް ދައްކާފައި ނުވުމުގެ ސަބަބުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން 22 މާޗު 2017 އިން ފެށިގެން ކަސްޓަމްސް އިން ޚިދުމަތް ދިނުން މެދު ކަނޑާލާފައިވާ ރިސޯޓުތައް ކަމަށެވެ.

އަދި އެރިސޯޓު ތަކަށް ޚިދުމަތް މެދު ކަނޑާލުމާއެކު ބަނގުރާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އެހެންކަމުން ބޮންޑެޑް ވެއާހައުސްއިން ރިސޯޓުތަކަށް ދޫކުރާ ބަނގުރާ، ގާނޫނާއި ގަވާއިދާއި ޚިލާފަށް އެއްވެސް ފަރާތަކަށް ދޫކުރުމަކީ ނުވަތަ ވިއްކުމަކީވެސް މަނާކަމެއް ކަމަށް ބުނެފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ގާސިމް އިބްރާހިމްގެ ރިސޯޓުތަކަށް ކަސްޓަމްސްއިން ފުލުހުންގެ އެހީތެރިކަމާއެކު އަރަމުންދަނީ ގާސިމަށް ދަތިކޮށް، ފިއްތުންތައް ކުރުމަށް ކަމަށް ތުހުމަތުކޮށްފައެވެ.