Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ރޯޔަލް އަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައިފި

ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ހިންގާ ރޯޔަލް އައިލެންޑް ރިސޯޓަށް ދޫކޮށްފައިވާ އޫރުމަހާއި ރާ އެތެރެކުރުމުގެ ހުއްްދަ އިކޮނޮމިކް މިނިސްޓްރީން މިއަދު ހިފަހައްޓައިފިއެވެ.

ރޯޔަލް އަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައިވަނީ ކަސްޓަމްސް އާއި ފުލުހުން ގާސިމްގެ ރިސޯޓްތަކަށް އަރައި ބަލައި ފާސްކުރުމަށްފަހު ރޭ ފަން އައިލެންޑް ރިސޯޓްގެ ރާ ގުދަނުން ބައެއް މުދާ ގެންދިއުމަށްފަހުއެވެ.

ވިލާ ގްރޫޕުން ހިންގާ، ޕެރަޑައިސް، ސަން އައިލެންޑް އަދި ފަން އައިލެންޑަށް ދޫކޮށްފައިވާ ހުއްދަ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ވަނީ ހިފަހައްޓާފައެވެ. އޭރު ހަމައެކަނި ހުއްދަ ބާޠިލް ނުކޮށް އޮތީ ރޮޔަލް އައިލެންޑް ރިސޯޓުގައެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ރޮޔަލްއަށް ދޫކޮށްފައިވާ ހުއްދަ ހަ މަސް ދުވަހަށް ހިފަހައްޓާފައެވެ.

އިކޮނޮމިކް މިނިސްޓްރީން މިފަދައިން އަމަލުކޮށްފައިވާ އިރު މިހާރުގެ އިކޮނޮމިކް މިނިސްޓަރަކީ ގާސިމް އެ މަގާމަށް ގެންދިޔަ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.