Last Updated: June 19, 18:13
Friday, June 19, 2026
ރިޕޯޓް

ވިލާ ގްރޫޕް ނޮޅަމުންދާ އިރު މަޓީ ހިމޭނުން!

ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ކުންފުނި ވިލާ ގްރޫޕްގެ ރިސޯޓްތަކަށް ކަސްޓަމްސް އާއި ފުލުހުން އަރައި ހުއްދަތައް ހިފަހައްޓަމުން އަންނައިރު ފަތުރުވެރިކަމުގެ މައި ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން އަނގައިން ނުބެނު އޮންނަ އޮތުން އެކި ފަރާތްތަކުން ކުށްވެރި ކުރަން ފަށައިފިއެވެ.

ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ހިންގާ ފަން އައިލެންޑް ރިސޯޓަށް ރޭ ކަސްޓަމްސް އާއި ފުލުހުން އަރައި ބައެއް ސާމާން ގެންގޮސްފައިވަނިކޮށް ވިލާ ގްރޫޕުން ހިންގާ ރޮޔަލް އައިލެންޑް ރިސޯޓަށް ދޫކޮށްފައިވާ އޫރުމަހާއި ބަނގުރާ އެތެރެ ކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ ހަ މަހަށް ހިފަހައްޓާފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ފުޑާލާލަމުންދާކަމަށް ބުނެ މި ސަރުކާރުގެ ފުރަތަމަ ޒުވާނުންނާއި ބެހޭ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ކުންފުނި ނޮޅަމުން އަންނަ އިރު މަޓީން އަނގައިން ނުބުނެ އޮވެގެން ނުވާނެކަމަށެވެ.

މަލީހް ވިދާޅުވީ އެގޮތަށް މަޑުން ތިބެއްޖެ ނަމަ މާދަމާ ކުރަން ޖެހޭ މަސައްކަތް މާ ބޮޑުވާނެކަމަށެވެ.

ގާސިމްގެ ރިސޯޓްތަކަކީ އެންމެ ގިނަ ދިވެހިން ވަޒީފާ އަދާ ކުރަމުންދާ ރިސޯޓްތަކެވެ. މި ރިސޯޓްތަކަށް ލިބޭ ގެއްލުމުގެ އަސަރު 5000 އެއްހާ މުވައްޒަފުންނަށް ފޯރާނެއެވެ.

ރަލާއި އޫރުމަސް އެތެރެ ކުރުން ހުއްޓުވުމާއި އެކު ރިސޯޓްތައް ހުއްޓޭނެކަމަށް ވިލާ ގްރޫޕުން ވަނީ ބުނެފައެވެ.