Last Updated: May 18, 12:02
Saturday, May 18, 2024
ޚަބަރު

"ބޫޓް 2018" ގައި ރާއްޖޭން ބައިވެރިވެއްޖެ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި 'މޯލްޑިވްސް.. ދަ ސަނީ ސައިޑް އޮފް ލައިފް'ގެ ނަމުގައި "ބޫޓް 2018" ގައި ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީން) ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ޖަރުމަނުވިލާތުގެ ޑަސެލްޑޮފްގައި ކުރިއަށްދާ މި ފެއަރގައި ބައިވެރިވެފައިވަނީ ޖެނުއަރީ 20 ވަނަ ދުވަހުން ފެށިގެން 28 ޖެނުއަރީގެ ނިޔަލަށެވެ.

ޖުމްލަ 7 ކުންފުންޏަކުން 15 އޮފިޝަލުން ބައިވެރިވެފައިވާ މި ޓީމްގެ އިސް ބޭފުޅަކަށް ހުންނެވީ އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރ ހާރިސް މުހައްމަދާއި، ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަމީލާ އަލީ ހާލިދުއެވެ.

މިފެއަރގައި ރާއްޖޭގެ ސްޑޭންޓް ފަރުމާކޮށްފައިވަނީ 21 ސްކެއަރމީޓަރ ސަރަހައްދެއްގައި ކަމަށާއި އަދި މުޅި ސްޑޭންޓްގައި ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ދައްކުވައިދީފައިވެއެވެ.

ބޫޓްއަކީ ދުނިޔޭގެ ކުރިއަރާފައިވާ ބޯޓް އަދި ވޯޓަރސްޕޯޓްސްގައި ހަރަކާތްތެރިވާ ފަރާތްތަކުން އަހަރު އެއް ފަހަރު ބައްދަލުވާ އެންމެ ބޮޑު އެއް ފެއަރއެވެ.

1800 އެގްޒިބިޓަރުން އެކި ގޮތްގޮތުން ބައިވެރިވާއިރު އޭގެ ތެރެއިން 900 އެގްޒިބިޓަރުންނަކީ ޖަރުމަނު ފިޔަވައި، ދުނިޔޭގެ 60 ގައުމަކުން ބައިވެރިވާ ފަރާތްތަކެވެ.

މިފެއަރގައި ހާއްސަކޮށް މެރިޓައިމްގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަފާތު އައު ހިޔާލުތައް ލިބި ދާއިރާ އިތުރަށް ކުރިއެރުވުމަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެއެވެ. މިފެއަރގެ މޮޓޯއެއް ކަމަށް ހަމަޖައްސާފައިވަނީ "އޯލް ސިސްޓަމްސް ގޯ" އެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޖަރުމަނުވިލާތުގެ ފަތުރުވެރިން ރާއްޖެ އަންނަނީ ކަނޑު އަޑީގެ ރީތިކަން ދެކިލުމަށްޓަކައެވެ.

2017 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެއްލައްކަ ތިން ހާސް ފަސްދޮޅަށް ހަތް ފަތުރުވެރިން ޖަރުމަނުން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2016 އަހަރާއި އަޅާ ބަލާއިރު 4.7 އިންސައްތައިގެ ކުރިއެރުމެކެވެ. ފާއިތުވި އަހަރު ޖަރުމަނަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އެއް ގައުމެވެ.