ޖުމްހުރީ ޕާޓީގެ ލީޑަރ އޮނަރަބުލް ގާސިމް އިބްރާހިމްގެ ވިޔަފާރިއަށް މި ސަރުކާރުން ދަތި ނުކުރާނެކަމަށް ޕީޕީއެމްގެ ސެކްޓްރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވިލާ ގްރޫޕުން ހިންގާ ފަން އައިލެންޑް ރިސޯޓްގެ ރާ ގުދަނުގައި ހުރި ބައެއް ސާމާން ކަސްޓަމްސްގެ ބެލުމުގެ ދަށައް ގެންދިއުމަށްފަހު މިއަދު ރޮޔަލް އައިލެންޑް ރިސޯޓަށް ދޫކޮށްފައިވާ ރަލާއި އޫރުމަސް އެތެރެ ކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ހަ މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވަނިކޮށް ހަލީލް ވިދާޅުވީ މި ސަރުކާރުން އެއްވެސް ވިޔަފާރިވެރިއަކަށް ދަތި ނުކުރާނެކަމަށެވެ.
ހަލީލު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަކީ އެއްވެސް ވިޔަފާރިވެރިއަކަށް ދަތި ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާން މަސައްކަތް ކުރައްވަނީ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތައް ފަހިކޮށް ދެއްވުމަށްކަމަށެވެ.
ހަލީލް ވިދާޅުވީ މި ސަރުކާރުން ގާނޫނު ތަންފީޒު ކުރުމުގައި ކުލައަކަށް ވަކި މީހަކަށް ނުބަލާނެކަމަށާއި ގާނޫނާއި އެއްގޮތަށް ކަންކަން ކުރާނެކަން ގާސިމްގެ ރިސޯޓުތައް ގާނޫނާއި ހިލާފުވުމުން އަމަލު ކުރިގޮތުން އެގިގެންދާ ކަމަށެވެ.
މީގެ އިތުރުންވެސް ހަލީލު ވިދާޅުވީ ގައުމަށް ގެއްލުންދީ އައްދާރުވާ މީހުންނަށް ރައްޔިތުން ހިތްވަރު ނުދޭނެކަމަށާއި އެ މީހުންތައް ރައްޔިތުން ނިކުމެ ބަލި ކުރާނެކަމަށެވެ.
ހަލީލު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވާ އިރު ސަރުކާރާއި ދެކޮޅަށް ގާސިމް ބަހެއް ވިދާޅުވާ ކޮންމެ ފަހަރަކު ވިލާ ކުންފުންޏަށް ބޮޑެތި ފިއްތުންތައް ކުރިމަތި ކުރުވާ ކަމަށް އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ.