Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ރެއާލާއި ބާސާ އަށް ބޮޑު މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް އަދި ބާސެލޯނާ ކުޅުނު މެޗުތައް ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

ޒިނެދީން ޒިދާންގެ ރެއާލް މެޑްރިޑަށް ފާއިތުވެދިޔަ ހަފްތާތައް ވެގެން ގޮސްފައިވަނީ ފުލުފުލުގައި ނެރުނު ދަށް ނަތީޖާތަކުން ދަތި ހަފްތާތަކަކަށެވެ. ރޭ ޑިޕޯޓިވޯ އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ރެއަލް ކޮޅަށް 23 ވަނަ މިނެޓުގައި ވަނީ ގޯލެއް ވަދެފައެވެ.

ނަމަވެސް ޒިދާންގެ ޓީމުން ވަނީ ފަހަތުން އަރައި، ރޭގެ މެޗުގައި 7 ލަނޑު ޖަހައި ޑިޕޯޓިވޯ ލަދުގަންނަވާލާފައެވެ. ނާޗޯ، ރޮނާލްޑޯ އަދި ބޭލް، ކޮންމެ ކުޅުންތެރިޔަކަށް ދެ ލަނޑު ޖަހާފައިވާއިރު ލޫކާ މޮޑްރިޗްވެސް ވަނީ ރޭގައި ގޯލެއް ޖަހާފައެވެ.

ފަހަތުން އަރައި ރެއާލުން ހޯދި މިމޮޅާއެކު ކުޅުންތެރިންނަށް ވަނީ އާ ޖޯޝެއް ލިބިގެން ގޮސްފައެވެ. މިދިޔަ ސީޒަނުގައި ނެރުނު ރެއާލް ޓީމު އަލުން ފެނިގެން ދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ރޭގެ މޮޅަށްފަހު ބުނަމުންނެވެ.

ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާ ވެސް ވަނީ ރޭގެ މެޗުގައި ރެއަލް ބެޓިސް ކޮޅަށް ފަސް ލަނޑު ޖަހާފައެވެ. މެސީއާއި ސުއަރޭޒް، ކޮންމެ ކުޅުންތެރިޔަކަށް ދެގޯލު ޖަހާފައިވާއިރު، މެޗުގެ ފުރަތަމަ ގޯލު 59 ވަނަ މިނެޓުގައި ޖެހީ ރަކިޓިޗްއެވެ.

ފަހު ހާފުގައި ފަސް ލަނޑުވެސް ފެނިގެން ގޮސްފައިވާއިރު މެސީގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ 64 ވަނަ މިނެޓުގައެވެ. އަދި 68 ވަނަ މިނެޓުގައި ސުއަރޭޒް ލީޑު ފުޅާކުރިއިއު މެސީ، މެޗުގެ 4 ވަނަ ގޯލު ޖަހާފައިވަނީ 80 ވަނަ މިނެޓުގައެވެ. ފަހު ގޯލު ސުއަރޭޒްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ މެޗުގެ އެންމެ ފަހު މިނެޓުކޮޅު ތެރޭގައެވެ.

ކުޅުނު 20 މެޗުގެ ތެރެއިން 17 މެޗު ކާމިޔާބުކޮށް ބާސާ އޮތީ މިހާރު އެއްވަނައިގައި 54 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އެތްލެޓިކޯއާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ. ރެއާލް ހަތަރު ވަނައިގައި 35 ޕޮއިންޓާއެކު އޮތްއިރު ރެއާލް ވަނީ އެއް މެޗު މަދުން ކުޅެފައެވެ.