Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ވިލާއިން ޓެކްސް ނުދައްކާތީ ގެއްލުންވޭ: ސަރުކާރު

ވިލާ ގްރޫޕުގެ ރިސޯޓުތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސްގެ ފައިސާ ނުދެއްކުމުން ދައުލަތަށް ބޮޑު ގެއްލުންތަކެއް ވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ވިލާ ރިސޯޓުތަކުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި، ޓެކްސް ދެއްކުމަށް ތަކުރާރުކޮށް ނަސޭހަތް ދެވިފައިވާނެ ކަމަށާއި އެ ފައިސާ ނުދެއްކުމުން ރައްޔިތުންނަށް ކުރަން ޖެހޭ ޚިދުމަތް ނުކުރެވި، ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅެމުންދާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ދާދި ފަހުންވެސް މީރާއިން ވިލާ ޝިޕިންއާ ދެކޮޅަށް ތިން ދައުވާއެއް ކޮށްފައިވާއިރު އޭގެ ތެރޭގައި ޖީއެސްޓީ ނުދެއްކުމާއި ޓީޖީއެސްޓީ އަދި ޖީއާރްޓީ ނުދެއްކުން ހިމެނެއެވެ. އަދި އެފައިސާ ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައިވެސް ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް މީރާއިން ވަނީ ދައުވާ ކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ވިލާއާ ދެކޮޅަށް ގާނޫނާއި ޚިލާފަށް ފިޔަވަޅު އަޅާފައި ނުވާނެ ކަމަށެވެ. ބަނގުރާ އެތެރެކުރުމާއި ވިއްކުމުގެ ގަވާއިދާއި ޚިލާފަށް އެކަން ކުރަމުންދާތީ ކަސްޓަމްސް އިން ވަނީ ވިލާގެ ބައެއް ރިސޯޓުތަކަށް ދީފައިވާ ބަނގުރާ ވިއްކުމާއި އެތެރެކުރުމުގެ ހުއްދަ ބާތިލުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުން ވިލާ ކުންފުންޏަށް މިފަދަ ފިޔަވަޅުތައް އަޅަމުން ގެންދަނީ ވިލާގެ ޗެއާމަން، އަދި އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފިއްތުންތައް ކުރިމަތި ކުރުވަން ކަމަށް ތުހުމަތުކޮށްފައެވެ.