ޒަމާނުއްސުރެން މިއަދާ ހަމަޔަ އަށް ވެސް އައްޑޫގެ ރައްޔިތުންނަކީ އިލްމު އުނގެނުމަށް ލޯބިކުރާ އިލްމުވެރި ބަޔަކަށް ވާން މަސައްކަތް ކުރަމުން އަންނަ ބަޔެކެވެ.
ނަމަވެސް މިފަހަކަށް އައިސް މުޅި ރާއްޖޭގެ ޒުވަންޖީލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާ ކަމުގައިވާ ޑްރަގުގެ ވަބާގެ ސަބަބުން އިލްމީ ޒުވާން ޖީލެއްގެ ބަދަލުގައި އަޅުގަނޑުމެން މިވަނީ މަސްތުވާތަކެއްޗައް ދެވި ހިފައިފައި ތިބި ޖީލެއް ސަލާމަތް ކުރަން ޖެހިފަ އެވެ. މިކަމަށް އޮތް އެއް ހައްލަކީ ތައުލީމީ ނިޒާމަށް އާރޯކަމެއް ގެނައުމެވެ.
ރަސްރަސްކަލުންގެ ނަންތަކާއި، އިނގިރޭސިން ކުރި ހަނގުރާމައިގެ ވާހަކަ ދަސްކުރުމުގެ ބަދަލުގައި މަސައްކަތުގެ މާހައުލަށް ތައްޔާރުވެ މަސައްކަތާއި ކުރިމަތިލާން ދަސް ކުރާ ނިޒާމެއް މިހާރު މިވަނީ ހޯދަން ޖެހިފަ އެވެ.
އަހަރެމެެންގެ ކާފަމެންގެ ޒަމާނުގައި ހެނދުނު އެދުރު ގެ އަށް ގޮސް ކިޔަވާފައި ހަވީރުު ރާބަނދި ހިފައިގެން ރުއް އަރަންދާ ދިޔުމަކީ އަހަރެމެންގެ ތައުލީމީ ނިޒާމުގެ އަސްލެވެ. ކިޔެވުމާއި އެކު އެކީ މަސައްކަތުގެ ތެރެއަށް ކުދިން ނެރެން އެބަޖެހެއެވެ.ހުރިހާ ކުދީންނަކީ ޔުނިވާސިޓީތަކަށް ގޮސް ޑިގްރީ އާއި ހަމަޔަށް ކިޔެވުމުގެ ގާބިލް ކަމާއި ހުނަރު ލިބިފައިތިބޭ ކުދިން ނޫންކަން ދަނެ ތައުލީމީ ނިޒާމަކީ އެކަކު ވެސް ބާކީނުވާ ފަދަ ނިޒާމަކަށް ހަދަން ޖެހެ އެވެ.
މަތީ ތައުލީމަށް ނުދެވޭ ކުއްޖާއަށް ވެސް ހުނަރުވެރި މަސައްކަތެއް ދަސްކޮށް މަސައްކަތުގެ މާހައުލަށް ނިކުމެވޭ ނިޒާމެއް މި ވަނީ ހޯދަން ޖެހިފަ އެވެ.
މިހާާރުގެ ތައުލީމީ ނިޒާމު ސިފަވަނީ ކޮށްޕާ ނިޒާމަކާ އެވެ. ހެނދުނު ކުދިން އެނދުން ކޮޅަށް ކޮށްޕާނަގާފައި، ސައި މޭޒުދޮށުން ފެށިގެން ސްކޫލާ ހަމައަށް ވެސް ހަމަ މިއޮންނަނީ ކޮށްޕުމެވެ.
ސްކޫލުން އެތެރެވުމާ އެކު އެދުރުންނާއި ޓީޗަރުން އިލްމު ވެސް ކުދިންނާ ދިމާލަށް ކޮއްޕަން ފަށަ އެވެ. ދެން ކުއްޖާ ގެޔަށް އައުމުން ޓިއުޝަނަށް ކޮށްޕާލެ ވެ އެވެ. އަނެއްކާވެސް ކޮއްޕުމެވެ. މި ކޮއްޕުންތަކުން ކުއްޖާއަށް ހަމައެކަނި ފޮތުގެ އެދުރަކަށްވުމަށް މަޖުބޫރު ކުރުވަ އެވެ.
މަދު ކުދި ބަޔަކު މިކޮށްޕުންތަކުން ކާމިޔާބު ހޯދަ އެވެ. ހަގީގަތަކީ ކޮށްޕިއަސް ނުކޮށްޕިއަސް ބައެއް ތޫނުފިލި ކުދިން ރަނަގަޅުނަތީޖާ ވެސް ހޯދާ ކަމެވެ.
ކުއްޖާ އަށް އޭނާގެ ވަށއިގެންވާ މާހައުލާއި އެ މާހައުލުން އެނގި ދަސްކުރަންޖެހޭ އެއް ކަމެއް ވެސް ދަސްކު ރާނެ މަގެއް އަދި ފުރުސަތެއް ނުލިބެ އެވެ.
މިހެން ވުމުން ބައެއް ކުދިން ކިޔެވުންމަތިން ފޫހިވެ އެވެ. ދެން ފާސް ނުވެ، ފާސްވެ ކޮއްޕެމުން ގޮސް ކުއްޖާ ސްކޫލް ނިންމާލަ އެވެ. އޭނާއަކަށް މަތީ ތައުލީމުގެ ފުރުސަތެއް ނުލިބެ އެވެ. ވަޒީފާއަކަށް އަހުލުވެރިވެ ވަޒީފާގެ ބާޒާރަށް ނިކުންނާންވި ގޮތެއް ނޭނގެ އެވެ.
ކަންމިހެން ވުމުން ގޭދޮށުގައި އުޅޭ ކުދިންނާއި އެކުވެ މަގުމަތިވެ އެއްކަލަ މަސްތުވާތަކެތީގެ ތެރެއަށް ވަދެ އެވެ. އެ ވިއްކުމަކީ އޭނާގެ ވަޒީފާއަށްވެ އޭގެ ބޭނުންކޮށް އެއިން މަސްތުވެ އެއަށް ގެނބި ހަލާކު ވެ އެވެ. އުމުރުން 20 އަހަރު ނުވަނީސް އެންމެ ނުބައި ކުށްކުރާ ކުށްވެރިޔަކަށް ވެ އެވެ.
މިއީކީ ހަމައެކަނި ތާއުލީމީ ނިޒާމަ ގުޅިފައިވާ ކަމެކޭ ނުބުނެ ވޭނެ އެވެ. ނަމަވެސް ތައުލީމީ ނިޒާމުން މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދި ދާނެ އެވެ. އަޅުގަނޑުމެން މި ކިޔާ ވަށާޖެހޭ ތައުލީމަކީ މިކަމުގެ ހައްލެކެވެ. ކިޔެވުމާއި އެކު މަސައްކަތް ދަސްކުރެވޭ މުޤައްރަރެއް އެކުލަވާ ލެވެންޖެހެ އެވެ.
މުދައްރިސުުންނާއި ޓީޗަރުންނަކީ ޤާބިލް މީހުންނަށް ހެދެން ޖެހެ އެވެ. މުދައްރިސް ކަމަކީ ރަނގަޅަށް ފާސް ނުވާ މީހުން ވަޒީފާއެއް ހޯދުމަށް ކުރާ ކަމަކަށް ވުރެން އެންމެ ރަނގަޅު ތައުލީމީ ޒުވާނުން ކުރިމަތިލާ ވަޒީފާއަކަށް ހަދަން ޖެހެ އެވެ.
ތައުލީމީ ނިޒާމަކީ އެ ނިޒާމަކާ ދިމާއަށް ކޮށްޕާ ނިޒާމަކަށް ވުރެން ބޮޑަށް އެ ނިޒާމަކާއި ދިމާލަށް ހިތާއި ރުހުމުން އުފަލުން ހުރެ ދުވެފައިދާ ކަހަލަ ނިޒާމަކަށް ބައްޓަން ކުރަން ޖެހެ އެވެ.
ތައުލީމީގޮތުން ދަށް ކުދިންނަށް ތަފާތު އެކި އެކި ރޮނގުން ހުނަރު ދަސްކޮށް ދެވޭ ފަދަ މުޤަރައްރުތައް އެކުލަވާ ލެވެން ޖެހެ އެވެ. މަސައްކަތްތެރި ހީވާގި ވަގުތަށް ކަމޭހިތާ ޖީލެއް ބިނާ ކުރާން އެބަ ޖެހެ އެވެ. ތައުލީމީ ގުލްޒާރުގައި ތަފާތު މާތައްފޮޅި އެ ނިޒާމު އާރޯކޮށްގެން މެނުވީ އަހަރެމެންގެ ޒުވާން ޖީލު އަނބުރާ އަހަރެމެންނަކަށް ނުހޯދޭނޭ އެވެ.