ތޭރަ އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ގޮތް ހައްދަވައި ދިނުމަށް އދ. ގައި އެދިވަޑައިގެންފިއެވެ.
ނަޝީދު ލަންކާގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި، ވިދާޅުވެފައިވަނީ އދ. އިން އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެވޭނެ ގޮތަށް އަމުރު ނެރެދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
އަދި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ލިބިއްޖެނަމަ ވާދަކުރާނެ ކަމަށް ނަޝީދު ބުނެފައިވެއެވެ. މީގެ ކުރިން ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވަނީ އެމެރިކާ އަދި އިންޑިޔާއިން ރާއްޖެއާ މަޝްވަރާ ކުރުމަށްފަހު އެމަނިކުފާނަށް ވާދަކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އޭރު ނަޝީދު ވިދާޅުވެފައިވަނީ ދިވެހި ސަރުކާރާއި އެމެރިކާ އަދި އިންޑިޔާ ސަރުކާރުން ފެށި މަޝްވަރާތައް ނިމިގެންދާނީ އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެވޭނެ ގޮތް ވުމުން ކަމަށެވެ. އަދި އިންތިޚާބުގައި ވާދަކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށް އޭރު ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރުން ވަނީ ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ހަމަ އެއްވެސް ފުރުސަތެއް ނެތް ކަމަށް ތަކުރާރުކޮށް އެކި ފަހަރު މަތިން ހާމަކޮށްފައެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ނަޝީދު ވަނީ ރާއްޖެއިން ބިން "ފޭރުމާ" ދެކޮޅަށް ވާހަކަ ދައްކައި، ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަޝީދު ވިދާޅުވެފައިވަނީ އެފްޑީއައި ނުވަތަ ފޮރިން ޓްރޭޑް ފަދަ އިންވެސްޓުމެންޓްތަކާ ދެކޮޅު ހެދުމަށްވުރެ އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުން ހުރީ ބިންތައް ދޫކޮށްލާތީ ކަމަށެވެ.