ދުނިޔޭގެ އެހެން ޑިމޮކްރަސީތަކުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓު ކަނޑައަޅަނީ ޕާޓީތަކުގެ މެމްބަރުން ކަމަށާއި ދިވެހި ރާއްޖޭގައި އެކަން އޮންނަނީ މުޅިން ތަފާތު ގޮތަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލަންކާގައި ބޭރުގެ ނޫސްވެރިންނާ ބައްދަލުކޮށް ދެއްވާ ޕްރެސް ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުވެސް ކަނޑައަޅަނީ ރައީސް ޔާމީން ކަމަށެވެ.
"ސައްހަ ޑިމޮކްރަސީއަކަށް އަމަލު ކުރަމުން އަންނަ ގައުމެއް ނަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވަނީ ސިޔާސީ ޕާޓީތަކުން. ޕާޓީގެ މެމްބަރުން. އެކަމަކު ރާއްޖޭގައި އެކަން ކުރަނީ ރައީސް ޔާމީން. އެމަނިކުފާނު ނިންމަވަނީ އިންތިޚާބުގައި ވާދަކުރެވޭ ކެންޑިޑޭޓުންނާ ކަރުދާސްކޮޅުގައި އޮންނަން ޖެހޭ ނަންވެސް."
ނަޝީދު ވަނީ އިންތިޚާބުގައި ވާދަކުރުމުގެ ހައްގު ހޯދުމަށް އދ. އަށް ހުށައަޅާފައިވާ ކަމަށް މިބައްދަލުވުމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނަށް އިންތިޚާބުގައި ކުރިމަތިލެވޭ ގޮތް ހެދުމަށް އދ. އިން އަމުރެއް ނެރެދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ކުރެވިފައިވާ ނަޝީދަށް ގާނޫނު އަސާސީގައި ވާ ގޮތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ. ނަމަވެސް އެމަނިކުފާނު ވަނީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް ލިބިފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
އިދިކޮޅު އިއްތިހާދުން އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާ ކުރަމުން އަންނައިރު އިދިކޮޅުން ބޭނުންވަނީ ކެންޑިޑޭޓަކަށް ނަޝީދު، އަދި ރަނިންމޭޓަކަށް ގާސިމް އިބްރާހިމް ނެރުމަށެވެ. އަދި އެގޮތަށް އެކަން ނުވެއްޖެނަމަ ކުރިއަށް ދާނެ އިތުރު ގޮތްތަކެއް ވެސް ޕާޓީތަކުން ވަނީ މަޝްވަރާ ކޮމިޓީއަށް ހުށައަޅާފައެވެ.