Last Updated: May 18, 12:02
Saturday, May 18, 2024
ޚަބަރު

ޤައުމީ ޔުނިވަސިޓީގެ އޮރިއެންޓޭޝަން ހަފުތާ ފަށައިފި

އެމްއެންޔޫ ހިތަދޫ ކެމްޕަސް. އައްޑޫލައިވް ފޮޓޯ: ނަރީޝް މޫސާ

ޤައުމީ ޔުނިވަސިޓީގެ 2018 ވަނަ އަހަރުގެ ދިރާސީ 1 ވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން، ކުރިޔަށް ގެންދާ "އޮރިއެންޓޭޝަން ހަފްތާ" ފަށައިފި އެވެ.

މި މަހުގެ 22- 27ގެ ނިޔަލަށް މިސެޝަންތައް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޔުނިވަރސިޓީއާ އަލަށް ގުޅުނު ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން މިއަދު ހިންގުނު ޢާންމު އޮރިއެންޓޭޝަންގެ އިތުރުން އެ ދަރިވަރަކު ކިޔަވާ ފެކަލްޓީ/މަރުކަޒު/ކެމްޕަހުންވެސް އޮރިއެންޓޭޝަން ޕްރޮގްރާމުތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މިސެޝަންތަކުގައި ދަރިވަރުން ޔުނިވަރސިޓީގެ ގަވާއިދުތަކާއި އުސޫލުތަކަށް އަހުލުވެރިކުރުވާނެއެވެ.

ދެ ދަންފަޅިއަށް ބަހާލައިގެން ޔުނިވަރސިޓީގެ މަރުކަޒީ އިދާރާގެ އޮޑިޓޯރިއަމްގައި ކުރިއަށްގެންދިޔަ ޢާންމު އޮރިއެންޓޭޝަން ސެޝަންގައި، ދަރިވަރުންނަށް މަރުޙަބާ ވިދާޅުވެ، ވާހަކަދައްކަވަމުން ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ފަވާޒު ޝަރީފު ވަނީ، ޤައުމީ ޔުނިވަރސިޓީއާ ގުޅޭ ދަރިވަރުންނަކީ މުޖުތަމަޢުގެ އެކި ކަންކަމުގައި ތަފާތު ދައްކުވައިދޭނެ ދަރިވަރުންތަކެއް ކަމަށް ފާހަގަކުރައްވައި ޔުނިވަރސިޓީގެ ފަލްސަފާގެ ތެރޭގައި ހިމެނޭ އީމާން އާއި ޢިލްމުގެ މުޙިއްމުކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ.

އަދި ހުރިހާ ދަރިވަރުންނަކީވެސް ތެދުވެރި، އިޚްލާޞްތެރި ދަރިވަރުންނަށް ވާނެ ކަމަށް އުންމީދުކުރައްވާކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

މީގެ އިތުރުން ޔުނިވަރިސިޓީން ކަނޑައަޅާފައިވާ ގަވާއިދުތަކަށާއި އުޞޫލުތަކާ އެއްގޮތަށް ހުރިހާ ދަރިވަރުންގެ ޢަމަލުތައް ބެހެއްޓުމަށް ޑރ. ފަވާޒު ވަނީ އިލްޠިމާސް ކުރައްވާފައެވެ.

ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކުގެ ކިޔެވުން މި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު ފެށުމަށްހަމަޖެހިފައިވާއިރު، މިހާރު އެކި ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއެކު ގާތްގަނޑަކަށް 9000 ދަރވަރުން އެކި ކޯސްތަކަށް ކިޔަވަމުންގެންދާނެއެވެ.

މިއަހަރު އޯލެވެލް ނަތީޖާ ލިބުނު ފަރާތްތަކަށް އަމާޒުކޮށްގެން ޔުނިވަރސިޓީގެ ކޯސްތަކުން ޖާގަ ދިނުމުގެ ޚާއްޞަ ހަރަކާތެއް އިއްޔެ ވަނީ ހިންގާފައެވެ. އޭލެވެލް ނަތީޖާ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން މިފަދަ ހަރަކާތެއް 27 ޖަވަނަރީ 2018 ވާ ހޮނިހިރު ދުވަހު ހިންގުމަށް ޔުނިވަރސިޓީން ވަނީ ރާވާފައެވެ.