Last Updated: June 28, 12:01
Sunday, June 28, 2026
ޚަބަރު

ކޮލްކަތާގައި 27 އަހަރުގެ އަންހެނަކު ގޭންގްރޭޕްކޮށްފި

ރޭޕްއާއި ދެކޮޅަށް ތައްޔާރު ކުރެވިފައިވާ ޕޯސްޓަރެއް - ފޮޓޯ: ދަ އިންޑިއަން އެކްސްޕްރެސް

ބޭނުން ނުކުރާ ކޮލްކަތާ ޕޯޓް ޓްރަސްޓް ބިލްޑިންގްގައި ހަ މީހުން ވެގެން އުމުރުން 27 އަހަރުގެ އަންހެނަކު ރޭޕްކޮށްފި އެވެ.

އޭގެ ތެރެއިން އެކަކު ވަނީ އެ އަންހެން މީހާ ރޭޕްކުރި މަންޒަރު ރެކޯޑްކޮށް، ފުލުހުންނަށް އެކަން ރިޕޯޓްކޮށްފިނަމަ އެ ވީޑިއޯ ޔޫޓިއުބް އަށް އަޕްލޯޑް ކުރާނެ ކަމަށް ބުނެ ބިރުދައްކާފަ އެވެ. އެހެންނަމަވެސް އެ އަންހެން މީހާގެ މަންމަ އާއި ބޮޑުދައިތަގެ ލަފާގެ މަތިން އޭނާ ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ. ނަތީޖާއެއްގެ ގޮތުން ފުލުހުން ވަނީ ތުހުމަތު ކުރެވޭ ހުރިހާ މީހުން ހައްޔަރު ކޮށްފައެވެ.

ފުލުހުންގެ ތަހުޤީގަށް އެނގިފައިވާ ގޮތުގައި މިކަން ރާވާފައި ވަނީ އުމުރުން 15 އަހަރުގެ ކުއްޖެކެވެ.

އެ އަންހެން މީހާ ރޭޕްގެ ޝިކާރައަކަށް ވެފައި ވަނީ ހުކުރު ދުވަހުގެ މެންދުރު ހާއިރު އޭނާގެ ބޮޑުދައިތަ ބުނެގެން 200 މީޓަރު ދުރުގައި ހުންނަ އެއްގަމު މަސް ވިއްކާ މާރުކޭޓަކަށް ގޮސް، އެތަނުން ކުކުޅު ގަނެގެން އައި މަގުމަތީގަ އެވެ. އެތަނުގައި މަސައްކަތް ކުރާ 15 އަހަރުގެ ފިރިހެން ކުއްޖާ ވަނީ ކުކުޅު ކޮތަޅު ގެއާ ހަމައަށް އުފުއްލައިދޭން ބުނެ، ޝޯޓްކަޓް އެއް ކަމަށްބުނެ މީހުން ނޫޅޭ އިމާރާތްތަކެއް ކައިރިން ދިއުމަށް ބުނެފަ އެވެ. އެ އިމާރާތްތައް ކައިރީގައި އޭނާގެ އިތުރު ފަސް ރައްޓެހިން ތިބީ އެމީހުންގެ އިންތިޒާރުގަ އެވެ. އެއަށްފަހު އެމީހުން ވަނީ އެއިން އިމާރާތެއްގެ ކޮޓަރިއެއް ތެރޭގައި އަންހެން މީހާ ރޭޕްކޮށްފަ އެވެ. އޭގެ ތެރެއިން އެކަކު ހުރީ އެ މަންޒަރު ވީޑިއޯ ކުރާށެވެ. 35 މިނެޓަށް ކުރިއަށްގެންދިޔަ މި ކަންތައް އެމީހުން ނިންމާލީ ފުލުހުންނަށް ރިޕޯޓް ނުކުރުމަށް އަންހެން މީހާ އަށް އިންޒާރު ދެމުންނެވެ.

ގެއަށް އައިސް އަންހެން މީހާ އޭނާގެ މަންމަ ގާތު އެ ވާހަކަ ބުނުމުން، ކުޑައިރުކޮޅެއް ތެރޭގައި އެމީހުން ވަނީ ފުލުހުންނަށް އެ މައްސަލަ ރިޕޯޓް ކޮށްފައެވެ. އެންމެ ފުރަތަމަ ހައްޔަރު ކުރެވުނީ 15 އަހަރުގެ ކުޑަކުއްޖާއެވެ. އޭނާއާއި ސުވާލުކުރުމަށްފަހު އެ މައްސަލާގައި ތުހުމަތުކުރެވޭ އެހެން މީހުންވެސް ހައްޔަރު ކުރެވުނެވެ. އެގޮތުން ދެން މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ސުމިތު ސިންގް އާއި 17 އަހަރުގެ ދެ ކުއްޖަކާއި އުމުރުން 18 އަހަރުގެ އަބީޝޭކް ކުމާރްގެ އިތުރުން 19 އަހަރުގެ ޕްރަދީޕް ކުމާރް ޗޯދުރީ އެވެ.