ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަން އާއި އޭނާގެ ފިރިމީހާ ކަމުގައިވާ މަޝްހޫރު ރެޕާ އަދި ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް، އެ ދެމަފިރިންގެ ތިންވަނަ ދަރިފުޅަށް ދީފައިވާ ނަމަކީ "ޗިކާގޯ" އެވެ.
ސަރޮގެސީ މެދުވެރިކޮށް ކިމް އާއި ކާންޔޭ އަށް އަންހެން ކުއްޖަކު ލިބުނުކަން އިއުލާންކުރިތާ ހަތަރު ދުވަސް ފަހުން ދަރިފުޅަށް ދިން ނަން ކިމް ވަނީ އޭނާގެ ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ފޭނުންނާއި ހިއްސާކޮށްފަ އެވެ.
މީގެ ކުރިން ވެސް ކިމް އާއި ކާންޔޭގެ ކައިވެންޏަށް ވަނީ ދެކުދިން ލިބިފަ އެވެ. އަދި މި ދެމަފިރިންނަކީ ކުދިންނަށް ވަރަށް ތަފާތު ނަންތައް ދިނުމަށް މަޝްހޫރު ދެ ތަރިންނެވެ. ކިމް އާއި ކާންޔޭގެ ފުރަތަމަ ދަރިފުޅަށް ކިޔަނީ ނޯތު ކަމުގައިވާއިރު، ދެވަނަ ދަރިފުޅަށް ދީފައިވާ ނަމަކީ ސެއިންޓް އެވެ.
ތިންވަނަ ކުއްޖަކު ހޯދުމަށް ސަރޮގެސީ ޚިޔާރު ކުރީ ފުރަތަމަ ދެކުދިންނަށް ބަނޑުބޮޑުއިރު ވެސް ކިމް އަށް ވަރަށް ގިނަ ސިއްޙީ މައްސަލަތަކާއި ކުރިމަތިލާން ޖެހުމުގެ ކަމުން ކަމަށް މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.