ކުރީގެ ބައިނަލްއަޤްވާމީ ފުޓްބޯޅަ ތަރި ޖޯޖް ވިއާ ލައިބީރިއާގެ ރައީސްކަމުގެ ހުވާ ކުރައްވައިފި އެވެ.
މިދިޔަ ޑިސެމްބަރު މަހު އެ ޤައުމުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވިއާ ވަނީ 61.5% ގެ އަޤުލަބިއްޔަތެއް ކާމިޔާބު ކުރައްވާފައެވެ. ވިއާ އިންތިޚާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓް ކަމުގައިވާ ޖޯސެފް ބޯކައި އާއި ވާދަކުރެއްވުމަށްފަހު އެވެ.
ވިއާ ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތީ 2002 ވަނަ އަހަރު ފުޓްބޯޅައިން ރިޓަޔާވުމަށްފަހު އެވެ. އޭނާ ވަނީ 2005 ވަނަ އަހަރު ބޭއްވި ލައިބީރިއާގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރައްވާފަ އެވެ. އެހެންނަމަވެސް އެފަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް އަދި އެފްރިކާގެ ފުރަތަމަ އިންތިޚާބީ އަންހެން ރައީސް ކަމުގައިވާ އެލެން ޖޯންސަން ސާލީފް އެވެ.
ވިއާ ވެރިކަމުގެ ހުވާ ކުރެއްވުމަށްޓަކައި ލައިބީރިއާގެ ވެރިރަށް މޮންރޯވިއާ ކައިރީގައި ހުރި ސްޓޭޑިއަމް އެއްގައި ބޭއްވި ރަސްމިއްޔާތުގައި އެފްރިކާ އާއި ބޭރު ޤައުމްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން ގާނާ، ނައިޖީރިއާ، ދެކުނު އެފްރިކާ، މާލީ އަދި އައިވަރީ ކޯސްޓްގެ ސަރުކާރުގެ އިސްވެރިން ވެސް ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ހަތަރު މިލިއަން މީހުން ދިރިއުޅެމުން އަންނަ ލައިބީރިއާގައި ބޮޑުވެފައިވާ ކޮރަޕްޝަންގެ މައްސަލަ މުޅިން ނައްތާލައި ހީނަރުވެފައިވާ އިޤްތިޞާދު ތަރައްޤީ ކުރާނެކަމުގެ ވައުދު ވިއާ ވަނީ އެޤައުމުގެ ރައްޔިތުން އަރިހު ވެވަޑައިގެންފަ އެވެ.
ލައިބީރިއާ އަކީ ދުނިޔޭގެ އެންމެ ފަޤީރު އެއް ޤައުމެވެ. އެ ޤައުމުގެ 80% މީހުން ދިރިއުޅެމުން އަންނަނީ ދުވާލެއްގެ މައްޗަށް 1.25 ޑޮލަރު ޚަރަދުކޮށްގެންނެވެ.