Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ވިލާގެ ރިސޯޓްތަކަށް ރަލާއި އޫރު މަހުގެ ވަގުތީ ހުއްދައެއް ދީފި

ވިލާ ގްރޫޕުން ހިންގަމުން އަންނަ ރިސޯޓްތަކަށް ރަލާއި އޫރުމަސް އެތެރެކުރުމަށް 14 ދުވަހުގެ ވަގުތީ ހުއްދައެއް ސަރުކާރުން ދީފިއެވެ.

ސަރުކާރުން މިފަދަ ހުއްދައެއް ދީފައިމިވަނީ ގާސިމްގެ ރިސޯޓްތަކަށް ރަލާއި އޫރުމަސް އެތެރެކުރުމަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިލާގެ ރިސޯޓުތަކަށް ވަގުތީ ލައިސަންސެއް ދޭން ނިންމީ ރާއްޖޭގެ ޓޫރިޒަމަކީ އިގްތިސާދަށް މުހިއްމު ސިނާއަތަށް ވާތީވެ، ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންގެ ހިތްހަމަޖެހުމަށް ކަމަށެވެ.

ވިލާ ގްރޫޕުން ހިންގާ ރިސޯޓްތަކުގެ ތެރެއިން ހަތަރު ރިސޯޓަކަށް ދޫކޮށްފައިވާ ހުއްދަ މިދިޔަ މާޗު މަހުން ފެށިގެން ހުއްޓާލުމާއި ގުޅިގެން އެ ރިސޯޓްތަކަށް ބޭނުންވާ ރަލާއި އޫރުމަސް އެތެރެކޮށް ވިއްކާފައިވަނީ ރޮޔަލް އައިލެންޑް ރިސޯޓް މެދުވެރިކޮށެވެ.

އެގޮތަށް ރަލާއި އޫރުމަސް އެތެރެ ކުރަމުން ދަނިކޮށް ކަސްޓަމްސްއިން ވަނީ ރޮޔަލް އައިލެންޑާއި ފަން އައިލެންޑް ބަލައި ފާސް ކުރުމަށްފަހު މިމަހުގެ 21 ވަނަ ދުވަހު ރޮޔަލް އަށް ދޫކޮށްފައިވާ ހުއްދަ ހަމަސް ދުވަހަށް ހިފަހައްޓާފައެވެ.

ގާސިމްގެ ރިސޯޓްތަކަށް ފިއްތުންތައް ކުރިމަތި ކުރުމާއި ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ވަނީ ޓޫރިޒަމް މިނިސްޓަރާއި އެކު މަޝްވަރާކޮށްފައެވެ. އަދި މިފަހަރު ދިން ވަގުތީ ހުއްދައަކީ އެމަޝްވަރާ ތަކާއި ގުޅިގެން ދިން ހުއްދައެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ކުންފުނި ވިލާ ޝިޕިން އެންޑް ޓްރޭޑިން އިން 5 ރިސޯޓް ހިންގަމުން އަަންނަ އިރު 5000 ކައިރިކުރާ އަދަދަކަށް މުވައްޒަފުން އެރިސޯޓް ތަކުގައި މަސައްކަތް ކުރެއެވެ.

މިހާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދަކީވެސް ގާސިމްގެ އެހީތެރިކަމާއި އެކު ފަތުރުވެރިކަމުގެ ވަޒީފާއިން ކުރިއެރުން ހޯދައި ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރ ކަން ވެސް ކުރެއްވި ބޭފުޅެކެވެ.