އިންތިހާ އަށް ބޮޑުކޮށްފައިވާ ކަރަންޓްގެ އަގު މިއަދު ހެޔޮކޮށް އިއުލާން ކުރުމަށް ހަމަޖެހިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓްގެ އަގު ހެޔޮކޮށް އެކަން އިއުލާން ކުރާނީ މިއަދު ހެނދުނު 10:40 ގައި އެންވަޔަރަމަންޓް މިނިސްޓްރީގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޠާރިގް އިބްރާހިމެވެ. ނަމަވެސް އަގު ހެޔޮ ކުރަނީ ކިހާ މިންވަރަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.
ކަރަންޓްގެ ހިދްމަތް ސްޓެލްކޯ އާއި ފެނަކައިން ދޫކުރަމުން އަންނަ އިރު ފެނަކައިން އަތޮޅުތެރެ އަށް ފޯރުކޮށްދޭ ހިދުމަތުން ނުބައްދަލު އަގު ނަގާތީ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
ކަރަންޓްގެ އަގު ހެޔޮ ކުރާ އިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިވަނީ އުފުލިފަ އެވެ. އަދި ރާއްޖޭގައި ވިއްކާ ތެލުގެ އަގު އެސްޓިއޯ އިން ވަނީ މަތިކޮށްފަ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް މިފަދަ އެތައް ކަމެއް ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ.