Last Updated: April 29, 13:09
Monday, April 29, 2024
ޚަބަރު

ހާއްސަ އެހީގެ ކުދިންނަށް އައްޑޫގައި ހަރަކާތްތަކެއް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިޒޭބަލްސް (އެމްއޭޕީޑީ) އިން އައްޑޫ ގައިތިބި ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ހަރާކާތްތަކެއް ހިންގަން ނިންމައި ސާވޭއެއް ވެސް ފަށައިފި އެވެ.

މި މަހުގެ 21-25 ގެ ނިޔަލަށް ކުރިއަށް ގެންދާ ސާވޭއަކީ އެމްއޭޕީޑީއިން ހާއްސައެހީ އަށް ބޭނުންވާ ކުދިންގެ މައުލޫމާތު މިހާރު ހޯދަމުންދާ އެންސްޕާގެ އެލަވެންސް ލިސްޓުން ކުދިންގެ ހާލަތުގެ މައުލޫމާތު ލިބިމުގައި ދަތިތަކެއް ހުރުމުން އެ ކުދިންނަށް އެންމެ ފުރިހަމަ ގޮތުގައި އެހީވުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ހިންގާ ސާވޭއެކެވެ.

ސާވޭ އަށް ފަހު "ސީޕީ ޑޭ" ގެ ގޮތުގައި މެޑިކަލް ކޮންސަލްޓޭޝަން އަދި ތެރަޕީ ސެޝަނެއް މި މަހުގެ 26 ވަނަ ދުވަހު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

މިތެރަޕީ ސެޝަންގައި ސެނަހިޔާ، އައިއެމްޑީސީ އަދި އެޗްއާރްއެޗްގެ ތެރަޕިސްޓުން ބައިވެރިވެ ވާނެ އެވެ. އަދި ހާއްސައެހީ އަށް ބޭނުންވާ ކުދިން އިތުރަށް ގޯސްވިއަ ނުދިނުމަށްޓަކައި ހޯމް ތެރަޕީ ދެވެނޭ ގޮތްތައް ބެލެނިވެރިންނަށް ދަސްކޮށް ދެވޭނެ އެވެ.

މީގެ އިތުރުން އިންޓަނޭޝަލް ޑޭއި އޮފް ޕާސަންސް ވިތު ޑިޒޭބިލިޓީސް (އައިޑީޕީޑީ) ފާހަގަ ކުރުމުގެ ގޮތުން މި މަހުގެ 27 ވަނަ ދުވަހު ހަރަކާތެއް ވެސް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ. މި ހަރަކާތުގައި ތަފާތު ކުޅިވަރުތައް ބާއްވާނެ އެވެ.

މި ހަރަކާރްތަކާ ބެހޭ މައުލޫމާތު އެމްއޭޕީޑީގެ ފަރާތުން ވަނީ އައްޑޫ ސިޓީ ކައުންސިލާ ވެސް ވަނީ ހިއްސާކޮށްފަ އެވެ. މައުލޫމާތު ހިއްސާ ކުރެއްވީ އެސޯސިއޭޝަންގެ ޗެއާޕާސަން އަހުމަދު މުހއްމަދާއި ހޮރައިޒަން އެކަޑަމީގެ ފަރާތުން އަލީ ޝިހާބް އެވެ.