Last Updated: June 13, 14:05
Saturday, June 13, 2026
ކުޅިވަރު

ފުލުގައި އޮތް ސްވެންސީ އަތުން ލިވަޕޫލް ބަލިވެއްޖެ

މިދިޔަ ހަފުތާގައި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ ބަލިކުރުމަށްފަހު ރޭ ކުޅުނު މެޗުން ލިވަޕޫލް، ތާވަލުގެ އެންމެ ފުލުގައި އޮތް ސްވެންސީ އަތުން ބަލިވެއްޖެއެވެ.

ސްވެންސީ ދަނޑުގައި ކުޅުނު މިމެޗު އެޓީމު ކާމިޔާބުކުރީ 0-1 އިންނެވެ. މެޗުގެ 40 ވަނަ މިނެޓުގައި އަލްފީ މޭސަން ކާމިޔާބުކުރި ގޯލާއެކު ފުރަތަމަ ހާފު ލީޑުގައި އޮވެ ސްވެންސީ ވަނީ ނިންމާލާފައެވެ.

މުޅި މެޗުގައިވެސް ޑިފެންސަށް ވިސްނައިގެން ކުޅުނު ސްވެންސީ ޓީމަށް ހެދިފައިވަނީ އެންމެ ތިން ހަމަލާއެވެ. ލިވަޕޫލުން ރޭގެ މެޗުގައި 21 ހަމަލާ ސްވެންސީގެ ގޯލަށް ފޮނުވާފައިވާއިރު ގޯލާ އަމާޒުވެފައިވަނީވެސް އެންމެ ހަތަރު ހަމަލާއެވެ.

ލިވަޕޫލް ފޯވާޑުންނަށް ލިބުނު ގިނަ ހަމަލާތައް ރޭގައި އެދެވޭ ގޮތެއްގައި ބޭނުން ނުކުރެވިފައިވުމުގެ އިތުރުން ސްވެންސީގެ ކީޕަރު ލޫކަސް ފަބިއަންސްކީ ރޭގައިވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އެންމެ ފަހުގެ 18 މެޗުން ބަލިނުވެ އޮތް ލިވަޕޫލް ރޭ ބަލިވެ ތާވަލުގެ ތިންވަނައަށް އަރަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. މިހާރު ހަތަރުވަނައިގައި އޮތް ލިވަޕޫލަށް 47 ޕޮއިންޓު ލިބިފައިވާއިރު ފަސް ވަނައިގައި އޮތް ޓޮޓެންހަމްއާ ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ.