ގާނޫނު އަސާސީގައި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭ ތާރީޚަށް އަނެއްކާވެސް އިންތިޚާބު ނުބޭއްވި ހިނގައިދާނެ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި އިދިކޮޅު އިއްތިހާދުގެ މަޝްވަރާ ކޮމިޓީގެ ޗެއާ، އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވެފައިވަނީ އިންތިޚާބު އޮންނަން ޖެހޭ ތާރީޚަށް ބޭއްވުމާމެދު ޝައްކު އުފެދިފައިވާ ކަމަށާއި އިންތިޚާބުގެ ސައްޚަވާނެ ކަމާމެދުވެސް ޝައްކު އުފެދެން ފަށާފައިވާ ކަމަށެވެ.
ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން އިންތިޚާބު އޮޅުވާލަފާނެ ކަމަށްވެސް ބެލެވޭ ކަމަށާއި ރައީސް ޔާމީން ކަންތައް ކުރައްވާ ގޮތުން އެއީ އެމަނިކުފާނު ނުކުރައްވާނެ ކަމެއް ކަމަށް ނުބެލެވޭ ކަމަށް އިބޫ ވިދާޅުވެފައިވެއެވެ.
އިބޫ ދެކޭ ގޮތުގައި މިނިވަން އިންތިޚާބަކަށް ފުރުސަތު ދިނުމަށް ކުރަން ޖެހޭ ކަމަކީ ރައީސް ޔާމީން އިންތިޚާބުގެ ކުރިން ވެރިކަމުން ދުރުކުރުމެވެ. ނުވަތަ މެޖޯރިޓީއާއެކު ވަދެ، މިނިވަން މުއައްސަސާ ތަކާ ޝަރުއީ ދާއިރާ މިނިވަން ކުރުން ކަމަށް އޭނާ އިތުރުކޮށްފައިވެއެވެ.