Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

އޭރު ދައްކާކަށް ނުޖެހޭ، މިހާރު ދައްކަން ޖެހޭ، އަރަތެއްތަ؟

ވިލާ ގްރޫޕުން ދައުލަތަށް 2.9 ބިލިއަން ރުފިޔާ ދައްކަވަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވި ވިދާޅުވުމަށް ޖުމްހުރީ ޕާޓީގެ ނައިބް ލީޑަރ ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒު ފާޑު ވިދާޅުވެއްޖެއެވެ.

ވިލާ ގްރޫޕްގެ ލޯޔަރެއްގެ ގޮތުގައި އާޒިމާ ޝަކޫރު ކޯޓަށް ވަޑައިގެން އެ ފައިސާ އަކީ ވިލާ އިން ދައްކަން ޖެހޭ ފައިސާ ނޫންކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވި ހަނދާން ހުރިތޯ ރިޔާޒު ވަނީ ސުވާލު އުފައްދަވާފައެވެ.

"އޭރު ގާސިމް އުޖޫރަ ދިނީމާ ވިލާ އޯކޭއި، މިހާރު ރައީސް ޔާމީން ވަޒީފާ ދިނީމާ ސަރުކާރު އޯކޭއި- އަބްދުﷲ ރިޔާޒު"

ރިޔާޒުގެ ފާޑު ކިއުން އާޒިމާ ޝަކޫރަށް އަމާޒުވެފައިވަނީ ޕީއެސްއެމް ނިއުސްގެ "އުއްމީދާ ކުރިއެރުން" ޕްރޮގްރާމްގައި އާޒިމާ ޝަކޫރު ވިލާ ގްރޫޕަށް ކުއްޔަށްދޫކޮށްފައިވާ ތަންތަނުން ދައުލަތައް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާކަމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ތަފާސް ހިސާބުތަކުން ފެންނަން އެބައޮތްކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

އާޒިމާ ވިދާޅުވީ އެ ފައިސާ އަކީ ދައުލަތަށް ލިބޭނެ ކަމަށް އިންދާޒާ ކުރި ފައިސާގެ 13.3 އިން ސައްތަ ފައިސާ ކަމަށެވެ.

އާޒިމާ ވިދާޅުވީ ވަކި މީހަކު ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އޮތުމަކީ، ދައުލަތުން އެކަމާމެދު ފިޔަވަޅު ނާޅައި އޮންނަންވީ ސަބަބެއް ނޫންކަމަށެވެ.

މީގެ ކުރިން ދައުލަތުގެ ބަންޑާރަ ނައިބުކަންވެސް ކުރައްވާފައިވާ އާޒިމާ ވަނީ، އެފަދަ މީހަކާމެދު ފިޔަވަޅު ނާޅައި އިތުރުވާހަކައެއް ދައްކަން އޮންނާނެތޯ ސުވާލު ކުރައްވާފައެވެ.