ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސްގައި އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ އޭނާގެ ކުށަށް އިއުތިރާފްވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް މަޢުލޫމާތު ދިން ގޮތުގައި ކުރިންވެސް އެ މީހާ ވަނީ ހައްޔަރުކޮށް، ހެކި ނެތުމުގެ ސަބަބުން ދޫކޮށްލާފައެވެ. އެއަށްފަހު އޭނާ ވަނީ ކާކުކަން ނޭނގޭނޭހެން އޭނާގެ ތުނބުޅިވެސް ބާލާފައެވެ.
ޒައިނަބް އަންސާރީ ރޭޕްކޮށް މަރާލި މައްސަލައަކީ ކަސޫރް އަވަށުގައި މިދިޔަ އަހަރު ހިނގި އެފަދަ 12 ވަނަ ހާދިސާ ކަމުގައި ޕާކިސްތާނުގެ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.
ޒައިނަބްގެ މަރާއި ގުޅިގެން އެ އަވަށުގައި ހިނގި މުޒާހަރާތަކާއި ހަމަނުޖެހުންތަކުގައި ދެ މީހަކު މަރުވެ އިތުރު އެތައް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

2015 އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މަންޒަރު ދައްކުވައިދޭ އެތައް ސަތޭކަ ވީޑިއޯތަކެއް ލީކްވުމާއި ގުޅިގެން ކަސޫރް ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފަ އެވެ. އެމައްސަލަ ފުލުހުން ތަހުޤީގުކޮށް ވަނީ ޔޫރޮޕްގެ ވެބްސައިޓްތަކަށް ކުޑަކުދިންގެ ބަރަހަނާ ވީޑިއޯތައް ވިއްކާ ބޮޑު ގްރޫޕެއްގެ އެތައް މެމްބަރުން ހައްޔަރު ކޮށްފަ އެވެ.
އޮފިޝަލުން ބުނާ ގޮތުގައި އެ މައްސަލާގައި އެމީހުންގެ ޝިކާރައަކަށްވި ކުޑަކުދިންގެ ތެރޭގައި ގިނައީ 14 އަހަރުން ދަށުގެ ކުދިން ކަމަށާއި، އޭގެ ތެރޭގައި އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.
ޒައިނަބްގެ މަރާއި ގުޅިގެން #ޖަސްޓިސްފޯޒައިނަބް ހޭޝްޓެގް ވަނީ ޕާކިސްތާނުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރިފައެވެ.