އިންޑިއާގެ ގުރްގާއޮން ގައި އުމުރުން 22 އަހަރުގެ އަންހެނަކު ގަދަކަމުން ކާރުން ބޭރުކުރުމަށްފަހު އޭނާގެ ފިރިމީހާ އާއި ޅިޔަނު ކުރިމަތީގައި ރޭޕްކޮށްފި އެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ފަސް މީހުން ހައްޔަރު ކޮށްފަ އެވެ.
މި ހާދިސާ ހިނގާފައި ވަނީ އާއިލީ ހަފްލާއަކަށް ދިއުމަށްފަހު އެ އަންހެން މީހާގެ ޅިޔަނުގެ ކާރުގައި އޭނާގެ ފިރިމީހާ އާއެކު އެނބުރި ގެއަށް ދިޔަ މަގުމަތީގައި ގުރްގާއޮންގެ ބިޒްނެސް ޕާކް ޓަވަރު ކައިރީގައެވެ. އެވަގުތު ފާހަނައަކަށް ދާން ޖެހިގެން އޭނާގެ ފިރިމީހާ ކާރުން ފޭބިއެވެ.
އެވަގުތު މަސްތުގެ ހާލަތުގައި ތިބި ބަޔަކު ދުއްވާފައި އައި ދެ ކާރެއް އެމީހުންގެ ކާރު ކައިރީގައި މަޑުޖެހި އެވެ. އަދި އެމީހުން އެތަނަށް މަޑުކޮށްގެން ތިބީ ކީއްވެގެންތޯ ސުވާލުކުރުމަށްފަހު، އަންހެން މީހާގެ ފިރިމީހާ ގައިގައި ތަޅަން ފެށިއެވެ.
ކާރު ތެރޭގައި އަންހެން މީހާރު އިން މަންޒަރު ފެނިފައި އޭގެ ތެރެއިން އެކަކު އޭނާގެ ގަދަކަމުން ކާރުން ނެރެ، ކައިރީގައި އޮތް ވަލުތެރެއަށް އޭނާ ގެންގޮސް ރޭޕްކުރި ކަމަށް ފުލުހުން ބުނެއެވެ.
ހަމަލާ ދިން މީހުން ވަނީ ފުލުހުންނަށް ރިޕޯޓް ނުކުރުމަށް އިންޒާރު ދީފައެވެ. އެހެންނަމަވެސް އަންހެން މީހާގެ ފިރިމީހާ ވަނީ އޭގެ ތެރެއިން އެއް ކާރުގެ ރަޖިސްޓްރޭޝަން ނަމްބަރު ނޯޓްކޮށް، މައްސަލަ ފުލުހުންނާއި ހަމައަށް ގެންގޮސްފަ އެވެ.
އެ ނަމްބަރުގެ އެހީގައި ފުލުހުން ވަނީ އިއްޔެ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންތައް ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނާ ގޮތުގައި އަންހެން މީހާ ރޭޕްކުރި ޒުވާނާ އަކީ ފެން ޓޭންކް ސަޕްލައި ކުރުމުގެ މަސައްކަތް ކުރާ މީހެކެވެ.
ހަރިޔާނާ ގައި މިފަދަ މައްސަލަތަކަކީ އަބަދުވެސް ވަރަށް އާންމު ކަންތައްތަކެކެވެ. އެގޮތުން ހަރިޔާނާގައި މިފަހުން ހިނގި އެންމެ ބޮޑު ތިން މައްސަލައެއްގައި ކުޑަ އަންހެން ކުދިންތަކެއް ރޭޕްކޮށް، އަނިޔާކުރުމަށްފަހު ވަނީ މަރާލާފައެވެ.