Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

މަޓީގެ ބޯޑަށް މެމްބަރުން އައްޔަންކޮށްފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީސް (މަޓީ)ގެ ބޯޑަށް މެމްބަރުން އައްޔަންކޮށްފިއެވެ.

(މަޓީ)ގެ ބޯޑަށް މެމްބަރުން އައްޔަންކޮށްފައިވަނީ ޖެނުއަރީ 22، ގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ އަހަރީ އާންމު ޖަލްސާގައެވެ.

އެގޮތުން މަޓީގެ ޗެއަރމަން ކަމަށް އައްޔަންކޮށްފައިވަނީ މުހައްމަދު އުމަރު މަނިކުއާއި ޗަންޕާ ހުސެއިން އަފީފް އެވެ. އަދި ވައިސް ޗެއަރމަން ކަމަށް ވޮޔެޖް މޯލްޑްވްސްގެ މެނޭޖިން ޑިރެކްޓަރ ސަލާޙް ޝިހާބް ވަނީ އައްޔަންކޮށްފައެވެ.

މިއީ މަޓީގެ ހަޔާތުގައި 19 އަހަރަށްފަހު ވިލާ ގުރޫޕުގެ ފައުންޑަރ ޤާސިމް އިބްރާހިމް މަޓީގެ ބޯޑުގައި ނުހުއްނެވި ފުރަތަމަ ފަހަރުއެވެ. އަދި އެމަނިކުފާނުގެ ބަދަލުގައި ތިއްބެވީ ދެ ދަރިކަލުން ކަމަށްވާ އިސްމާއިލް ސިޔަން ޤާސިމްއާއި އިބްރާހިމް ސިޔާދް ޤާސިމް އެވެ.

މީގެ އިތުރުން ރޭގެ ޖަލްސާގައި ބޯޑަށް އައްޔަންވެފައިވަނީ ސަން ސިޔާމް ރިސޯޓްސް އަދި މިރިހި ރިސޯޓްސްގެ ފަރާތުން އަހްމަދު ސިޔާމް މުހައްމަދާއި އިބްރާހިމް ނޫރައްދީން އެވެ. އަދި އެނބޫދޫ ވިލެޖްގެ ފަރާތުން އައިޝަތު ނީނާ އަހްމަދާއި ޔުނިވާރސަލް ރިސޯޓްސްގެ ފަރާތުން އިޔާޒް ވަހީދުވަނީ ބޯޑަށް އައްޔަންވެފައެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ފަރާތުން މެނޭޖިން ޑިރެކްޓަރ އާދިލް މޫސާ އަދި ސަން ޓްރެވެލްގެ ފަރާތުން ޒުލައިޚާ މަނިކް ބޯޑުގައި ހިމެނެއެވެ.
މަޓީގެ ބޯޑުގެ ސެކްރެޓަރީ ޖެނެރަލްއަކަށް އައްޔަންކޮށްފައިވަނީ ކްރައުން ކޮމްޕެނީގެ ޑައިރެކްޓަރުން ކަމަށްވާ އަޙްމަދު ނަޒީރު އާއި އައްސަދު އަލީ އެވެ. އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަންކޮށްފައިވަނީ ވިޝާ މާހިރު އެވެ.

މީގެ އިތުރުން ބޯޑުގެ ފައިނޭޝިއަލް ކޮންޓްރޯލާރ އަކަށް އައްޔަންކޮށްފައިވަނީ އަޙްމަދު ހާފިޒުއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ކުންފުނި ވިލާ ގްރޫޕްގެ ރިސޯޓްތަކަށް ކަސްޓަމްސް އާއި ފުލުހުން އަރައި ހުއްދަތައް ހިފަހައްޓަމުން ދިޔައިރު، ފަތުރުވެރިކަމުގެ މައި ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ހިމޭނުން އޮތް އޮތުން ގިނަ ފަރާތްތަކުން ކުށްވެރިކޮށް އެޖަމިއްޔާއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ގާސިމްގެ ރިސޯޓްތަކަކީ އެންމެ ގިނަ ދިވެހިން ވަޒީފާ އަދާ ކުރަމުންދާ ރިސޯޓްތަކެވެ. މި ރިސޯޓްތަކަށް ލިބޭ ގެއްލުމުގެ އަސަރު 5000 އެއްހާ މުވައްޒަފުންނަށް ފޯރާނެއެވެ.