Last Updated: May 4, 06:00
Saturday, May 4, 2024
ޚަބަރު

"ސަޓާ" ނޮމިނޭޝަންގައި ބޮޑެތި ބްރޭންޑްތަކުން ބައިވެރިވެއްޖެ: ހައިރައިޒް

ފަތުރުވެރިކަމުގެ ދާއިރާގައި ދެކުނު އޭޝިޔާ ސަރަހައްދުގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ހައިރައިޒުން ބުނެފި އެވެ.

އައްޑޫލައިވްއާއި ވާހަކަ ދައްކަވަމުން ހައިރައިޒުގެ ފައުންޑަރ އަދި ޑައިރެކްޓަރ އިސްމާއިލް ހަމީދު ވިދާޅުވީ (ސާޓާ) އަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލާފައިވާއިރު މިހާތަނަށް ބޮޑެތި ބްރޭންޑްތަކުން ނޮމިނޭޝަނަށް ނަން ހުށަހަޅާފައިވާ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ހިދުމަތް ދޭ ފަރާތްތަކަށް ވާދަކުރެވޭ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މާރޗް 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު މިހާތަނަށް ސްރީލަންކާ، އިންޑިޔާ، ނޭޕާލް، ބޫޓާން އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބްރޭންޑްތަކުން ބައިވެރިވެފައިވާ ކަމަށެވެ.

އެހެންކަމުން މިއީ މިއެވޯޑަށް ކުންފުނިތަކުން ދޭ އަހަމިއްޔަކުތަން ދައްކުވައިދޭ ވަރަށް ބޮޑު ހެއްކެތް ކަމަށާއި އެވޯޑަށް އޮތް ޝައުޤުވެރިކަމާއި ތަރުހީބު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެވޯޑަށް އޮންލައިކޮށް ނަން ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައިވާއިރު ކޮންމެ ފަރާތަކަށް ވެސް ތިން ދާއިރާއަކުން ކުރިމަތިލެވޭނެ އެވެ. އޭގެ ތެރޭގައި 10 ސެގްމަންޓަކުން 36 ކެޓަގަރީ އަކަށް ވާދަކުރެވޭނެއެވެ.

އެންމެ ފަހުން ބޭއްވި އެވޯޑް ހަފްލާ އައްޑޫ ސިޓީގައި 2017 ވަނަ އަހަރު ބާއްވާފައިވާއިރު ފަތުރުވެރިކަމުގެ ޝަރަފުވެރި 24 އެވޯޑެއް ރާއްޖޭގައި ޓޫރިޒަމް ހިދުމަތް ދޭ ފަރާތްތަކުން ވަނީ ހޯދާފައެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަކީ ރާއްޖޭގެ މަޝްހޫރު އިވެންޓްސް މެނޭޖްމެންޓް ކުންފުނި ހައިރައިޒްގެ ބައިނަލްއަގުވާމީ ބްރޭންޑެކެވެ. ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު، ސްރީލަންކާއެވެ.