Last Updated: July 11, 13:48
Saturday, July 11, 2026
ޚަބަރު

އާޒިމާ ދޮގު ހެދީމަ ހިތާމަ ކުރަން: ގާސިމް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ ޝުކޫރު: ފޮޓޯ - ވީނިއުސް

ވިލާ ކުންފުނިން ދައުލަތަށް 2.9 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މިހާރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ ޝުކޫރު ވިދާޅުވުމުން ވިލާގެ ޗެއާމަން، ގާސިމް އިބްރާހިމް އެކަމަނާއަށް ރައްދު ދެއްވައިފި އެވެ.

ޓުވިޓާ މެދުވެރިކޮށް ވިލާގެ ކުރީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ އާޒިމާއަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވެފައިވަނީ އެކަމަނާއަށް ރަނގަޅަށް ކަންތައް ވެގެންދިޔަ ގޮތް އެނގިހުރެ، އިތުރުފުޅު ހައްދަވައި، އެފަދަ ވާހަކަތައް ތަކުރާރު ކުރައްވާތީ ހިތާމަ ކުރައްވާ ކަމަށެވެ.

ގިނަ މައްސަލަތަކެއް ފެށުނީވެސް އާޒިމާ ވިލާގެ ވަކީލަކަށް ހުންނެވި އިރު ކަމަށާއި ވިލާ ތަމްސީލު ކުރެއްވުމަށް އާޒިމާ ކޯޓަށްވެސް ވަޑައިގެންފައިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ދަށު ކޯޓާއި، ހައި ކޯޓު އަދި ސުޕްރީމް ކޯޓުގައިވެސް އެމައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔަ ކަމަށާއި ސުޕްރީމް ކޯޓުން މައްސަލަ ނިންމަވަމުން ވިލާއާ އެއްކޮޅަށްވެސް މައްސަލައެއް ނިންމާފައިވާނެ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.

އެތައް މިލިއަން ރުފިޔާއެއް އޭގެ ސަބަބުން ދައުލަތުން ވިލާއަށް ދައްކަން ޖެހުނު ކަމަށާއި އެހުރިހާ ކަމެއް އެނގި ހުންނަވާ ހާލު، އާޒިމާ މިފަދަ ވާހަކަތައް ދައްކަވާތީ ހިތާމަކުރާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އާޒިމާ ވަނީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވިލާގެ ކުންފުނިތަކުން 2009 ވަނަ އަހަރުން ފެށިގެން ދައުލަތަށް ދައްކަން ޖެހޭ ކުލީގެ ފައިސާގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށާއި އެފައިސާ ދައުލަތުން އަތުލަން ނުޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ.