ހަތް އަހަރަށްފަހު އާޖެންޓީނާގެ ޑިފެންޑަރު ހާވިއާ މަޝެރާނޯ ބާސެލޯނާ ދޫކޮށްލަން ނިންމައިފިއެވެ.
ދެހާސް ދިހަ ވަނަ އަހަރު ލިވަޕޫލުން މަޝެރާނޯ ބާސާއަށް ބަދަލުވުމަށްފަހު ހަތް ސީޒަނާއި ބައި، ސްޕެއިންގެ ބާސެލޯނާގައި ހޭދަކޮށްފައިވާއިރު އޭނާ ވަނީ އެ މުއްދަތުގެ ތެރޭގައި ތަފާތު ފަސް ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅެފައެވެ.
އަދި 334 މެޗު ޓީމަށް ކުޅެދީ، އެ މުއްދަތުގައި 18 ޓްރޮފީ އޭނާ ވަނީ އުފުލާލާފައެވެ. ޑިފެންސިވް މިޑްފީލްޑަރެއްގެ ރޯލަށް ކުޅެން އޭނާ ގެނައި ނަމަވެސް ބޮޑަށް ބާސާގައި މަޝެރާނޯ ފެނިފައިވަނީ ޑިފެންޑަރެއްގެ ރޯލުންނެވެ.
މަޝެރާނޯ ވަނީ މިދިޔަ ސީޒަނުގައި އޭނާގެ ހަމައެކަނި ގޯލު ބާސާއަށް ޖަހާދީފައެވެ. އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީއެއް ފޯވާޑުން ވަނީ މަޝެރާނޯއަށް ދިނުމުން ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
ހަތް އަހަރުގެ ތެރޭގައި މަޝެރާނޯ ވަނީ ބާސާ ސަޕޯޓަރުންގެ ލޯބި ހޯދާފައެވެ. އެހެންކަމުން އޭނާއަށް ޚާއްސަ ވަކިވެދިއުމެއް އެރުވުމަށް ކުލަބުން ވަނީ ނިންމާފައެވެ. އެ ހަފްލާގައި ބާސާގެ ރައީސްވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.