ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ހިންގާ ފަން އައިލެންޑް ރިސޯޓަށް އެރި ކަސްޓަމްސްގެ އޮފިސަރުންގެ ނަން އާއްމު ކުރި މައްސަލަ ތަހްގީގުކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ފަން އައިލެންޑް ރިސޯޓް ބަލއި ފާސް ކުރުމަށް އެރަށައް އެރި ކަސްޓަމްސްގެ 37 މުވައްޒަފަކާއި ހަތް ފުލުހެއްގެ ނަން ވިލާއިން ވަނީ އާއްމުކޮށްފައެވެ. އަދި އެމުވައްޒަފުންގެ މައްސަލަ ބަލައި ދިނުމަށް އިންޓަގްރެޓީ ކޮމިޝަނަށް ވެސް ވަނީ ހުށަހަޅާފައެވެ.
ވަކި ވަކި މުވައްްޒަފުންގެ މައުލޫމާތު އާއްމުކުރި މައްސަލަ ބަލައި ދިނުމަށް ކަސްޓަމްސްއިން ފުލުހަށް ހުށަހެޅިއިރު، ކަސްޓަމްސްއަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.
ފުލުހުން ވަނީ ކަސްޓަމްސް އޮފިސަރުންގެ މައުލޫމާތު އާއްމު ކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށް ވިދާޅުވެފައެވެ.
ވިލާ ރިސޯޓްތަކަށް ފުލުހުންނާއި ކަސްޓަމްސްއިން އެރި އެރުން ކުށްވެރި ކުރަމުން އަންނަ އިރު ވިލާއިން ސިފަކޮށްފައިވަނީ އެރިސޯޓަށް އެރި އެރުމަކީ އެކުންފުނީގެ މުދާ ފޭރިގަތުމަށް ހިންގި ޖަރީމާއެއް ގޮތަށެވެ.