މިދިޔަ އަހަރަކީ ނިސްބަތުން ރާއްޖޭގައި ކުށްކުރި މިންވަރު ދަށްވި އަހަރެއް ކަމަށް ޕޮލިސް ސުޕްރިޑެންޓް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ކުށްކުރި މިންވަރު ހަ ޕަސެންޓު ދަށްކުރެވިފައިވާ ކަމަށެވެ. އަދި އެއީ އެކަން ހާސިލުކުރުމަށް ފުލުހުންގެ އިދާރާއިން ކުރެވުނު ވަރަށް ބުރަ މަސައްކަތްތަކެއް ނަތީޖާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގިނަ، ކާމިޔާބު ޕްރޮގްރާމްތަކެއް ހިންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިދިޔަ އަހަރު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 5،000 އަށްވުރެ ގިނަ ރައްޔިތުން ހޭލުންތެރި ކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި ރާއްޖޭގެ 127 ރަށެއްގައި ފުލުހުންގެ ޚިދުމަތް ދެމުން އަންނަ ކަމަށާއި ކުށުގެ ރެކޯޑު މަތިވުމަށް ފުލުހުން ޖާގައެއް ނުދޭނެ ކަމަށްވެސް ތަރުޖަމާނު، ސުޕްރިޑެންޓް އޮފް ޕޮލިސް ޝިފާން ވިދާޅުވެފައިވެއެވެ.