Last Updated: June 13, 13:24
Saturday, June 13, 2026
ޚަބަރު

އިންތިޚާބު ބާއްވާނެ، ބަލި ކުރާނީ ވާދަކޮށްގެން: ޝައިނީ

މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ނުވެދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ ތުހުމަތުތަކަށް ފިޝަރީޒް މިނިސްޓަރ، ޑރ. މުހައްމަދު ޝައިނީ ރައްދު ދެއްވައިފިއެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ރާއްޖޭން ހޯދުމަށް ސަރުކާރުން ބޭރު ގައުމުތަކުގައި ކުރައްވާ ކެމްޕޭނުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު ރާއްޖެ ވަޑައިގެން ޝައިނީ ނޫސްވެރިންނާ ބައްދަލުކޮށް ވިދާޅުވެފައިވަނީ ރައީސް ޔާމީން ބޭނުންވަނީ އިދިކޮޅު ފަރާތްތަކާ ވާދަކޮށްގެން އިންތިޚާބު ކާމިޔާބު ކުރުމަށް ކަމަށެވެ.

އަދި އެ އިންތިޚާބަކީ މިނިވަން އިންތިޚާބަކަށް ވާނެ ކަމަށާއި އިންތިޚާބުގައި ކިލަނބު ކަމެއް ހުރެދާނެ ކަމަށް ބެލެވޭ އެއްވެސް ކަމެއް މިސަރުކާރުން ކޮށްފައިނުވާނެ ކަމަށާއި އެކަން ނުވެސް ދެއްކޭނެ ކަމަށް ބުނެ ޝައިނީ ވަނީ ވަރަށް ބޮޑަށް އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ.

ސަރުކާރު ބޭނުން ވަނީ ވަރަށް ވާދަވެރި މިނިވަން އިންތިހާބަކުން އިދިކޮޅު ފަރާތްތައް ބަލިކޮށްފައި ރައީސް ޔާމީން 2018 ގައި ހޮވަން. އަޅުގަނޑުމެން އެއްގޮތަކަށް ވެސް ބޭނުމެއް ނޫން އިދިކޮޅު އެއްވެސް ފަރާތެއް ނެތި އިލެކްޝަނަކަށް ދާކަށް،"

އިދިކޮޅު ފަރާތްތަކުން އިންތިޚާބަށް އެއް ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ މަޝްވަރާ މަޖިލީހުގެ ޗެއާ، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ އިންތިޚާބުގެ ސައްހަ ކަމާމެދު ސުވާލު އުފައްދާފައެވެ. އިބޫ ވިދާޅުވެފައިވަނީ ރައީސް ޔާމީން ކުރައްވާ ކަންތައްތަކުގެ ސަބަބުން އިންތިޚާބު އިންސާފުވެރިވާނެ ކަމާމެދު ޝައްކު އުފެދޭ ކަމަށެވެ. އަދި އިންތިޚާބު ލަސްކުރަންވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިވަން އިންތިޚާބެއް ބޭއްވުމަށް އޮތީ ދެ ގޮތް ކަމަށާއި އެއް ގޮތަކީ އިންތިޚާބުގެ ކުރިން ރައީސް ޔާމީން ވެރިކަމުން ދުރުކުރުން ކަމަށާއި އަނެއް ގޮތަކީ މެޖޯރިޓީ އާއެކު ޝަރުއީ ދާއިރާ އަދި މިނިވަން މުއައްސަސާތައް އިސްލާހުކުރުން ކަމަށް އިބޫ ވިދާޅުވިއެވެ.