ތައުލީމު އުނގެނެން ލޯބި ކުރާ އައްޑޫ ރައްޔިތުން ދަނީ ޔުނިވާސިޓިއެއްގެ ހުވަފެން ދެކެމުންނެވެ. މި ހުވަފެން އަޅުގަނޑު ވެސް ދެކޭތާ ދުވަސްތަކެއް ވެއްޖެ އެވެ.
މި ހުވަފެން ހަގީގަތަކަށް ވާނެ ދުވަހަކަށް އެދި އަބަދުވެސް އިންތިޒާރު ކުރެވެ އެވެ. ހަމަ ގައިމުވެސް އައްޑު އަތޮޅަކީ ޔުނިވާސިޓީއެއް ހެދުމަށް ވަރަށް ވެސް އެކަށޭނަ ތަނެކެވެ. ޔުނިވާސިޓީއެކޭ ކިޔާފައި ކޮންކިރިޓް އިމާރާތެއް އެޅުމުގެ ބަދަލުގައި ބިން އޮތް ބޮޑު ސަރަހައްދެއްގައި ޔުނިވާސިޓީ ވިލެޖެއް ހެދުމަކީ މި ހުވަފެނުގައި ހަގީގީ ކުލަ ޖެހުމަށް މަގު ފަހިވެގެން ދާނެ ކަމެކެވެ.
އައްޑު އަތޮޅަކީ ތަރައްޤީ ކުރެވި ވަސީލަތްތައް ފުރިހަމަ އަށް ޤާއިމު ކުރެވިފައިވާ ތަނަކަށް ވެގެންދާ އިރު ޔުނިވާސިޓީ ވިލެޖެއްގެެ މުހިއްމުކަން ނުހަނު ބޮޑެވެ. އެތަނުގެ ގުދުރަތީ މާހައުލަކީ ތަހުލީލު ކުރާ ކޮޓަރިތަކަކަށްވެ އެތަނަކީ ދެމެހެއްޓެނެވި ތަރައްޤީގެ ލާމަސީލު ނަމޫނާއަކަށް ހެދުމުގައި ޔުނިވާސީޓ ވިލެޖެއްގެ ދައުރު ވަރަށް މުހިއްމެވެ.
މިގޮތުން ބަލާ އިރު އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހުރި ސަރަހައްދު އީސީސީ އެއީ ޔުނިވާސިޓީގެ ބައެއްގެ ގޮތުގައި ހެދުމަށް ފަހު ޔުނިވާސިޓީ ވިލެޖެއް ގޮތަށް ތަރައްގީ ކުރެވި ދާނެ އެވެ.
މިފަދަ ގޮތަކަށް މިތަން ތަރައްޤީ ކުރާ އިރު އައްޑޫ ސިޓީގައި ދިރިއުޅޭ މީހުންނަށް އިގްތިސާދީ މަންފާ ލިބޭ، ރީތި ހިތްގައިމު ތަނަކަށް މިތަން ހެދި ދާނެ އެވެ.
އެހެން ކަމުން މިތަން ތަރައްޤީ ކުރަން ޕްލޭން ހަދާ އިރު ޔުނިވާސިޓީ އާއި ގުޅިގެން ތަފާތު ވިޔަފާރީގެ ފުރުސަތުތައް ތަނަވަސް ކުރެވޭނޭ ގޮތްތަކަކަށް މިތަން ތަރައްޤީ ކުރަން ޖެހެ އެވެ. އަދި މިފަދަ ވިސްނުމަކުން މިތަން ތަރައްޤީ ކުރެވިއްޖެ ނަމަ ތިމާވެށްޓާއި ރައްޓެހި ދެމެހެއްޓެނި ތަރައްޤީގެ މިންގަނޑުތަކާޢި އުސޫލުތަކުގެ މަތިން މިތަން ހެދިގެން ދާނެ އެވެ. އަދި މިތަނަކީ އިޖްތިމާއީ ގޮތުން ދުޅަހެޔޮ، އތްފޯރާ އަގެއްގައި ދިރިއުޅެވޭ، ހަމަހަމަ ފުރުސަތު ލިބިގެންދާ ތަފާތު މީހުންނަށް މަރުހަބާ ކިޔާ ވިލެޖަކަށް ހެދޭނެ އެވެ. އަދި ހަމަ އެހެންމެ އަހަރެމެންގެ ސަގާފަތާއި ދިރިއުޅުން އެންމެ ފުރިހަމަ ގޮތުގައި ދައްކުވައިިދޭފަދަ ގޮތަކަށް މިތަން ޕްލޭން ކުރެވެން ޖެހެ އެވެ.
މި ޔުނިވާސިޓީ ވިލެޖަކީ ދެމެހެއްޓެނިވި ގޮތެއްގައި ތަފާތު ގިނަ ވަސީލަތްތައް ފޯރުކޮށްދޭ ވިލެޖަކަށް ހެދި ދާނެ އެވެ. މިގޮތުން އައްޑޫ ސިޓީގެ ޔުނިވާސިޓީ ވިލެޖްގައި ދިރިއުޅެން އަންނަ ފަރާތްތަކަށް ހަކަތައާއި ފެނާއި ނަރުދަމާގެ ވަސީލަތްތަކަކީ ކާބަން ނިޔުޓްރަލް ހިދުމަތްތަކަަކަށް ހެދި ދާނެ އެވެ. އަދި މިވި ލެޖަކީ ފަސޭހައިން ދަތުރުފަތު ރުކުރެވޭނެ ޕަބްލިކް ޓްރާންސްޕޯޓް ޤާއިމު ކުރެވި ހިނގުމަށް ފަސޭހަ އަދި ހެލިފެލި ހަރާކާތްތެރި ދިރިއުޅުމެއް އުޅެވޭ ތަނަކަށް ހެދި ދާނެ އެވެ. އަދި ރީތި ފެހި ޕާކްތަކާއި ހިތްގައިމު ރީތި ގުދުރަތީ މާހައުލު އޮންނަ ތަނަކަށް ވާން ޖެހޭނެ އެވެ.
އެހެން ކަމުން މާކިޅި ސަރަހައްދުގައި ޔުނިވާސިޓީ ވިލެޖްގެ އެކޮމޮޑޭޝަންތައް ނުވަތަ ފްލެޓްތައް އެޅިއްޖެ ނަމަ އެއީ މިފަދަ ހިތްގައިމު މާހައުލަކަށް ވެގެން ދާނެ އެވެ. އަދި ހަމަ މި ސަރަހައްދުގައި ބޮޓެނިކަލް ގާޑްންއަކާއި، ކޮމިޔުނިޓީ ފުޑް ގާޑަންތައް ވެސް ހެދި ދާނެ އެވެ. މިކަމުގެ ސަބަބުން ވެސް ގިނަ ބަޔަކަށް އާމްދަނީގެ ފުރުސަތު ހުޅުވިގެން ދާނެ އެވެ.
ވިލެޖާއި ސިޓީގެ އެހެން ހިސާބުތަކާއި، ހޮސްޕިޓަލާއި، އަދި ވިޔަފާރިތަކައި ކެފޭ ރެސްޓޯރަންޓްތައް ގުޅިލާމެހިގެން ދާނެ ދަތުރު ފަތުރުގެ ފަސޭހަ ނިޒާމެއް ހެދިގެން ގޮސްފި ނަމަ މުޅި ސިޓީ އަށްވެ ސް މިކަމުން ނުހަނު ގިނަ ފާއިދާތައް ލިބިގެން ދާނެ އެވެ.
މިފަދަ ވިލެޖެއް ތަރައްގީ ކުރަން ހިތަދޫގެ އީސީސީ ސަރަހައްދާއި ވަށައިގެންވާ ސަރަހައްދު ރަނގަޅަށް ޕްލޭންކޮށްގެން ބޭނުން ކުރެވި ދާނެ އެވެ. އަދި މި ސޓީގެ މުއްސަނދި ވިޔަފާރިވެރިން މިފަދަ ތަނެއް ތަރައްގީކޮށްފި ނަމަ ނުހަނު މަންފާ ލިބޭނޭކަން ގައިމެވެ. މިފަދަ ގޮތަކަށް ތަރައްގީ ކުރެވޭ ޔުނިވާސިޓީއެއްގައި ކިޔެވުމަށް ބޭރުގެ އެކި ގައުމުތަކުން ކިޔަވާ ކުދިން އަންނާނެކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.
ދިވެހި ރާއްޖެއަކީ ތަފާތު އިންޓަ ޑިސިޕްލިނަރީ ރިސާޗްތައް ހެދުމަށް ރަނގަޅު ދިރިހުރި ލެބޯރޓެރީއެކެވެ. ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި މިފަދަ ޔުނިވާސިޓީ ވިލެޖަތައް ގާޢިމު ކުރެވި އެތަންތަނަކީ އިގްތިސޯދީ މަންފާ ލިބޭ ތަންތަނަށްވަނީ ހެދިފަ އެވެ.
ވީމާ އައްޑޫ ސިޓީގައި ޔުނިވާސިޓީ ވިލެޖެއް ގާއިމު ކުރުމުގެ މުހިއްމުކަން ސިޓީގެ ވިޔަފާރިވެރިން ދަނެ މި މުހިއްމު ފުރުސަތުގެ ބޭނުން ހިފުމަކީ ރަނގަޅު ކަމެއް ކަމަށް ފެނެ އެވެ.
ހަމަ އެހެންމެ އީސީސީ ސަރަހައްދު ތަރައްގީ ކުރުމަށް މިފަދަ ޕްލޭނެއް ހެދިއްޖެ ނަމަ މިއީ ހުވެފެނެއް ހަގީގަތަކަށްވުން ކަން ކަށަވަރެވެ. އަދި ޔުނިވާސިޓީގެ ހުވަފެން ކުލަ ގަދަ ހަގީގަތަކަށްވުމަކީ ވެސް ގާތް ކަމެކެވެ.